ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމީރު އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
މީގެކުރިން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ފުރަމާނަ ދަތުރުފުޅެއް އެންމެ ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ޗައިނާއާ ހާއްސަ ގުޅުމެއް ބާއްވަމުން އަންނާތީ އިންޑިއާގެ މީޑިއާތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. އެ ވައުދު އެމަނިކުފާނު ގެންދަވަނީ ފުރިހަމަ ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ވަނީ ފޮނުވާލައިފައެވެ. ބާކީ ތިބީ އެންމެ ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންނެވެ. އެ ސިފައިންތައް ވެސް މި މަހުގެ 10 ގެ ކުރިން ރާއްޖެ އިން ފައިބާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ