މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށް ކުރީ ސަރުކާރުން ތަރައްގީކުރި ޕިކްނިކް އައިލޭންޑް، ކުޑަގިރި އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން އެރަށް އިތުރަށް ތަރައްގީ ކުރާނެކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި މީހުން ދަތުރު ދިޔުމަށް ބޭނުންކުރި ކުޑަބަނޑޮސް އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލުމުން ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވައުދުވީ މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށް މާލެ ކައިރިން ވަކިރަށެއް ހަމަޖައްސަވާނެކަމަށް ވިދާޅުވެއެވެ.
އެގޮތުން އެ ވައުދު ފުއްދެވުމުގެ ގޮތުން، 8 ހެކްޓަރުގެ ކުޑަގިރިއަކީ ރައީސް ސާލިހުގެ ވެރިކަމުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރެއްވި ރަށެކެވެ. އެރަށް އާންމުންނަށް ހުޅުވާލީ ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 11 ވަނަ ދުވަހުއެވެ.
ކުޑަގިރި އޮންނާނީ އަބަދުވެސް މާލޭ ރައްޔިތުންނަށް ޚާއްސަ ރަށެއްގެ ގޮތުގައިކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް މިސަރުކާރުން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށެވެ.
މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރިދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރާނެ.
ކޮމެންޓު ފޮނުވާ