ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސްކޫލް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ.
އެގޮތުން ކްރިއޭޓިވް އާޓްސް ސްކޫލް އުފައްދައި އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމުގެ އިތުރުން އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއްމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހަދާނެއެވެ.
އެ ސްކޫލު ހަދާނީ ދަރިވަރުންނަށް ތިބެވޭ ގޮތަށް ހޮސްޓެލް ވެސް ހިމެނޭ ގޮތަށެވެ. އޭގެ އިތުރުން ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، އަދި ޑިޒައިންނާ ގުޅޭ ތަފާތު އެކި ކަންތައްތައް ދަސްކޮށްދޭނެ ކަމަށް ވެސް އިއުލާންގައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް އެދިފައިވެއެވެ.
އުފެއްދުންތެރި ހިދުމަތްތަކާއި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ޕަބްލިކޭޝަން އަދި އިލްމު ފެތުރުމާއި އުފެއްދުންތެރި ހިޔާލު ފާޅުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް އިއުލާންގައިވެއެވެ.