ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ "އަހާ" ފޯރަމް އަންނަ ހޯމަ ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މި ފޯރަމް އޮންނާނީ ހޯމަ ދުވަހުގެރޭ 8:30 ގައެވެ.
"އަހާ" ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވާ ގޮތަށް ބާއްވާ ފޯރަމެކެވެ.
މިފަހަރުގެ ފޯރަމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ:
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ހޯމް މިނިސްޓަރު އަލީ އިހްސާން
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލައިފައެވެ. މި ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށް ފަހު ހުސްތަންކޮޅަކަށް ފަހު، ކުރަން ބޭނުންވާ ސުވާލު ލިއުމަށް ފަހު، 300 އަށެވެ.
ޕީއެސްއެމްއިން އިން ބުނީ މި ފޯރަމް ކޮންމެ ދެ މަހުން އެއް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފޯރަމެއްގައި ވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންމެ ތިން މަހުން އެއް މަހު ރައީސުލްޖުމްހޫރިއްޔާ ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ކޮމެންޓު ފޮނުވާ