11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމާއެކު މާދަމާ ރައީސް ޔާމިން ފުވައްމުލަކަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ. ހުކުމް ބާތިލްކޮށް ޔާމިންގެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމް ކުރުމާއެކު ރައީސް ޔާމިން މިއަދުވަނީ މިނިވަން ވެފައެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.
ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު ހުކުމްކުރަން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލައިގައި ހިމެނޭ ދެ ގަޒިއްޔާއެއް މިހާރު ވަނީ ނިންމައިފައެވެ. ދެ ގަޒިއްޔާ ވެސް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.
މިއަދުގެ ހުކުމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމިން ވިދާޅުވީ އިންތިޚާބުގެ ވޯޓުގެ ކުރިން މާގިނަ ތަންތަނަކަށް ދަތުރުކުރަން މާގިނަ ވަގުތެއް ނެތެކަމަށާއި، އެހެންނަމަވެސް ބޮޑު އަތޮޅަކަށް ވަޑައިގަތުމަށް ނިންމާފައިވާކަމުގައެވެ. އެއީ ކޮން އަތޮޅެއްކަން ރައީސް ޔާމިން ހާމަކުރައްވާފައި ނުވިނަމަވެސް، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މަލީހު ޖަމާލް ވިދާޅުވެފައިވަނީ މާދަމާ ރައީސް ޔާމިން ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ