ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތހާބަށް ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވަން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީގެ 3 ކެމްޕެއިން ހަރާކާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ބައިވެވަޑައިގަންނަވާ އިވެންޓްތައް ކުރިއަށް ދާނީ އޭޕްރީލް 19 އިން 20އަށް ކަމަށެވެ. އެގޮތުން އޭޕްރީލް 19 ވާ ހުކުރު ދުވަހުގެ ހަވީރު 4:30ގައި ވިލިމާލޭގައި ބާއްވާ ޑިމޮކްރެޓްސްގެ ކެމްޕެއިން އެއްވުމުގައި އެމަނިކުފާނު ބައިވެވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން އޭޕްރީލް 19 ވާ ހުކުރު ދުވަހުގެ ރޭ ޑިމޮކްރެޓްސްގެ ލެޖިސްލޭޓިވް އެޖެންޑާ ހުށަހެޅުމަށް ރާޅުގަނޑު ސަރަހައްދުގައި ބާއްވާ އިވެންޓްގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އޭޕްރީލް 20 ވަނަ ދުވަހުގެ ހަވީރު 4:30ގައި ބާއްވާ ޑިމޮކްރެޓްސްގެ އެއްވުމުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ވަގުތީ ގޮތުން ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނެވިކަން ރައީސް ނަޝީދު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އިއުލާނު ކުރައްވާފައެވެ. އެއަށްފަހު ކްލައިމެޓް ވެލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށް އެމަނިކުފާނު ވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.
ސީވީއެފް އަކީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތައް ތަމްސީލުކުރުމަށް އެ ގައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި ސަރުކާރުގެ އެހެނިހެން ލީޑަރުން ބައިވެރިވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. ރާއްޖެ ހިމެނޭހެން 58 ގައުމަކުން ބައިވެރިވެގެން އުފައްދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.