19 މާރިޗު 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން މިނިސްޓަރ އިތުރުފުޅު ހައްދަވާފައިވާކަމަށާއި އެކަން އެޕާޓީން ކުށްވެރިކުރާކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މިނިސްޓްރީން، 8 ޖަނަވަރީ 2023 ގައި އާއްމު ކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ 16 މާރިޗްއިން 27 އޭޕްރިލްއަށް ކަމުގައެވެ. އަދި 27 އޭޕްރިލްގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާރކުކޮށް ދަރިވަރުންގެ ރިޕޯރޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަސްކަމަށާއި، އެއީ މުދައްރިސުންނަށް ވަރަށް ބޮޑު ބުރަޔަކަށް ވެގެންދާނެ ކަމުގައެވެ.
އަދި މިކަމާ ގުޅޭ ޝަކުވާތައް ޓީޗަރުން ދިޔައީ ކުރަމުންކަމަށާއި، އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަސްކަމަށްވެސް އެމްޑީޕީން ބުނެފައި ވެއެވެ.
އަދި މިގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެނެއް ހިޔެއް ނުވެއެވެ. މިކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، 25 އޭޕްރިލްއަށް އިމްތިހާނުތައް ނިންމުމުގެ މަޤްޞަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހުއެވެ. މިގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައެވެ. މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ، އަވަސްއަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވައިފާ، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށްދަނީ ކުރަމުންދާ ކަމުގައެވެ.
އަދި ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލާ، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ދަނީ ކުރަމުންދާކަމަށްވެސް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ބުނެފައިވަނީ ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަމަށާއި، އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެނަށްވެސް އެނގޭކަމުގައެވެ.
އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެކަމީ އެމްޑީޕީން ކަންބޮޑުވާ ކަމެއްކަމަށް އެޕާޓީން ބުނެފައި ވެއެވެ. އަދި އެމްޑީޕީންވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ