ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމްތަކަށް ފުނިފުންޏަށް މުވައްޒަފުން ލަމުން ދާކަމަށާއި، ބައެއް މިނިސްޓްރީތަކުގައި ސިޔާސީ މުވައްޒަފުން އިށީންނާނެ ތަނެއްނެތް ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ، މިރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވުނު އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އަންދާޒާ މިހާރު ކުރެވޭ ގޮތުގައި 1،500 އަށްވުރެ ގިނަ ސިޔާސީ މަގާމް މިހާރު ވާނީ އުފައްދާފައި ވާކަމަށާއި، އެނޫންނަމަ މަހެއްގެ މައްޗަކަށް 100، 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ޚަރަދުގެ ގޮތުގެ ގޮތުގައި ހޭދަކުރަން ނުޖެހޭނެ ކަމުގައެވެ.
އެނގޭ ކަމަކީ ސިޔާސީ މަގާމްތަކަށް މީހުން އެބަލާކަން. ފުނިފުންޏަށް، ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގަ ކިއު ޖެހިފަ ތިބޭކަމަށް އެބަވޭ. ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ. ގޮނޑި ނެތިގެން. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެބޭފުޅުން މައުލޫމާތު ދެއްވީމަ އެގޭނީ. 1،500 އަށްވުރެ ގިނަ ސިޔާސީ މަގާމް މިހާރު ވާނީ އުފައްދާފަ. އެހެންނަމަކަ މަހެއްގެ މައްޗަކަށް 100، 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ޚަރަދަކަށް، މުސާރައަކަށް ޚަރަދު ކުރާކަށް ނުޖެހޭނެ. އިސްރާފު އިންތިހާއަށް. އިސްރާފް އިންތިހާއަށް. މިއަދު ހުއްޓާލާފަ އެހެރަ ޕްރޮޖެކްޓްތައް ފައްޓަން ވެއްޖެއްޔާ ދެންވާނީ ކިހިނެއްތޯ؟ ދެގުނަ ޚަރަދު އަނެއްކާވެސް އިތުރަށް ކުރަން ޖެހޭނެ.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވި އެހާލަތުގަ އަނެއްކާވެސް ޚަރަދުވެގެން ދަނީ ރައްޔިތުންގެ ފައިސާ ކަަމަށެވެ. އަދި ރައީސް ސާލިހި ވިދާޅުވީ އެ ސަބަބުތަކަށްޓަކާ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ނަގަން ޖެހޭކަމަށެވެ.
އިތުރަށް ރައީސް ސާލިހު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ހުވާކުރުމަށްފަހު ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި 1،700 ޕްރޮޖެކްޓް ހުއްޓާލާފައިވާކަމަށާއި އެހެންނަމަވެސް، ފާއިތުވި 3 މަސްތެރޭގައި 300 މިލިއަން ރުފިޔާ ކުރީ އަހަރާ އަޅާ ބަލާއިރު މިސަރުކާރުން ޚަރަދު ކޮށްފައިވާކަމަށާއި، އެހެންނަމެސް މިފައިސާއަށް ކުރި ކަމެއް ފެންނާން ނެތްކަމުގައެވެ.
އަދި މިފައިސާއިން ޚަރަދުކުރީ ކިހިނެއްތޯ ބަލަން ރައީސް އޮފީހަށްވެސް ސިޓީ ލާފައިވާ ކަމަށާއި، ފިނޭންސް މިނިސްޓްރީގައިވެސް އެދިފައިވާ ކަމަށާއި، އެހެންނަމަވެސް މިއިން އެއްވެސް ތަނަކުން އޭގެ މައުލޫމާތެއް ލިބޭގޮތް ވެފައި ނުވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.