ވަޒީފާ އަނބުރާ ދޭން އެދި، ތައްޔިބުގެ އާދޭހުގެ ސިޓީއެއް ރައީސަށް

ވަޒީފާ އަނބުރާ ދޭން އެދި، ތައްޔިބުގެ އާދޭހުގެ ސިޓީއެއް ރައީސަށް

Author
ހުސެއިން
20 މާރޗް 2024 12:56
0

ކުރިން އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ތައްޔިބު ޝަހީމަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ސްޓެލްކޯއިން ވަޒީފާ ދިންތާ މަހެއްހާ ދުވަސްފަހުން އޭނާ ވަޒީފާއިން ވަކިކުރުމުން ހަމަ އެ ވަފާ އަލުން ހަމަޖައްވާ ދެެއްވުމަށް އެދި އާންމު ސިޓީއަކުން ރައީސް މުއިއްޒުގެ އަރިހުން އާދޭސް ދަންނަވައިފިއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓްރީން ސިޔާސީ ވަޒީފާއެއްގައި އޭނާ ހުއްޓާ މިސަރުކާރު ވެރިކަމަށް އައުމަށްފަހު ސިޔާސީ މަގާމްތަކުގައި ތިބި މީހުން ވަޒީފާތަކުން ވަކިކުރިއިރު ތައްޔިބުވެސް ވަޒީފާއިން ވަކިކުރިއެވެ.

އެހެންނަމަވެސް ސްޓެލްކޯއިން ތައްޔިބަށް ވަޒީފާއެއް މި ސަރުކާރުން ހަމަޖައްސާދިނީ ފާއިތުވި ފެބްރުއަރީމަހުއެވެ. އޭނާއަށް ހަމަޖައްސާ ދިނީ ސްޓެލްކޯގެ ބިއުރޯގެ ސަރވިސް ސްޕްވައިޒަރ (ގްރޭޑް1) ކަމުގެ މަޤާމްއެވެ.

އޭނާ ރައީސް މުއިއްޒުއަށް އެޑްރެސްކޮށް ފޮނުވި، މިހާރު ސޯޝަލް މީޑިއާގައި އޭނާ އާންމުކޮށްފައިވާ ސިޓީގައި އޭނާ ބުނެފައިވަނީ، ކިއެކި ގޮތްގޮތުން ސްޓެލްކޯގެ އެކިއެކި ފަރާތްތަކުގައި އަހައި އޮޅުންފިލުވައިގެންވެސް ސްޓެލްކޯގައި އޭނާ މަސައްކަތް ވަޒަންކުރި ގޮތް އިނގޭ ބޭފުޅަކު ދިމައެއްނުވި ކަމުގައެވެ. އަދި އެކަމެއް ކުރެއްވި ބޭފުޅަކުވެސް ދިމައެއްނުވިއިރު، އެކަމާބެހޭ އެއްވެސް ލިޔެކިއުމެއް ތައްޔާރު ކުރެއްވި ބޭފުޅަކުވެސް އަދި ލިޔެކިޔުމެއްވެސް ހުރިކަމަކަށް ނުވި ކަމަށެވެ.

ތައްޔިތުބުގެ އާދޭހުގެ ސިޓީގައި އޭނާ ބުނެފައިވަނީ  މާރިޗް 3 (ވަޒީފާ ދިންތާ އެއްމަހާ 4 ދުވަސް ފަހުން) ވަނަ ދުވަހު އެޗްއާރު ގެންގޮސްފައި އޭނާގެ މަސައްކަތާއި މެދު އެއްވެސް ވާހަކައެއް ނުދައްކަވާ، ސްޕަވައިޒަރުންގެ އެއްވެސް ނުރަނގަޅު ނުގުތާއެއް ފާހަގަ ކުރުމެއް ނެތި، އެއްވެސް އިވެލުއޭޝަނެއް ހެއްދެވުމެއްނެތި، ވަޒަން ކުރުމެއްނެތި، ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމެއްނެތި ދެންނެވީ "ވެރިން އެންގެވިގޮތަށް" އޭނާއާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ވާހަކަ ކަމަށެވެ.

އެހިސާބުން އަޅުގަނޑު ބަސްހުއްޓި ދަންނަވާނެ ވަކިއެއްޗެ ނޭނގިފައި ހުއްޓާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުވުމަށް ސޮއިކުރަން ހަމައެވަގުތު އެދުމުން ޙައިރާން ކަމުގައިހުރެ އެ ޗިޓާއި ހަވާލުވީމެވެ.

ތައްޔިބުގެ އާދޭހުގެ ސިޓީގައި ބުނެފައި ވެއެވެ.

ތައްޔިބު ބުނެފައިވަނި އޭނާ ވަޒީފާއިން ވަކިކުރި ޗިޓް ހަވާލުކޮށް ކުންފުނީގެ އިމާރާތުން ނިކުތް އިރުވެސް އޭނާއާ ކުންފުންޏާ ދެމެދު ހެދިފައިވާ އެއްބަސްވުންވެސް އޭރު ލިބިފައިނުވުމާއެކު ޗިޓްގައި ބަޔާންކޮށްފައިވާ 2 މާއްދަށް ރެފަރެންސެއްވެސް ދޭކަށް އޭނާއަށްވެސް ކުންފުންޏަށްވެސް ނޭގުނެ ކަމުގައެވެ.

އިއްޒަތްތެރި ރައީސް، އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު ވަރަށް އާދޭހާއިއެކު އެދެނީ އަޅުގަނޑަށް ސްޓެލްކޯއިން ފާއިތުވި ޖެނުއަރީ 29 ވަނަ ދުވަހު ދެއްވި ސަރވިސް ސްޕަވައިޒަރ (ގްރޭޑް1) ކަމުގެ ވަަޒީފާ އަލުން އިޢާދަ ކޮށްދެއްވައި އަޅުގަނޑު ވަޒީފާއަށް ނެރެދެއްވުމަށް ދެންނެވުމެވެ.

ހަމަ އެ ވަޒީފާއަށް އޭނާ ނެރެދެއްވުން އެދި އާދޭސްކޮށް ރައީސް މުއިއްޒުއަށް ތައްޔިބު ފޮނުވި ސިޓީގައި އެދިފައި ވެއެވެ.

ތައްޔިބުގެ އިތުރުން އެމްޑީޕީގައި ކުރިން މަސައްކަތް ކުރި ލޫކަސް ޖަލީލުއައި ސިމްވާރު ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމަށެވެ. އޭގެ ތެރެއިން ސިމްވާރަށް ވަނީ ސްރީލަންކާގެ އެމްބަސީން ވަޒީފާ ހަމަޖައްސާ ދީފައެެވެ. ލޫކަސް ޖަލީލު މަސައްކަތް ކުރަމުން ދަނީ ސަރުކާރު ޕްރޮމޯޓް ކޮށް، އަދި ވަކީން ޚާއްސަކޮށް ޓުއަރިޒަމް މިނިސްޓަރ ފައިސަލް  ޕްރޮމޯޓު ކުރުމުގެ މަސައްކަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.