ރޯދައާއި ސުވާލު: ރަމަޟާންމަހު ދުވާލު ރޯދަ އަށް ހުއްޓާ ބާލިޣްވެއްޖެނަމަ ހަދާނީ ކިހިނެއް؟

ރޯދައާއި ސުވާލު: ރަމަޟާންމަހު ދުވާލު ރޯދަ އަށް ހުއްޓާ ބާލިޣްވެއްޖެނަމަ ހަދާނީ ކިހިނެއް؟

ރަމަޟާންމަހު ދުވާލު ރޯދަ އަށް ހުއްޓާ ބާލިޣްވެއްޖެނަމަ އެދުވަހުގެ ރޯދަ ފުރިހަމަކުރާނީއެވެ. ރޯދަ އަށް ނެތިސް ބާލިޣްވެއްޖެނަމަ އެދުވަހުގެ ބާކީ ބައިގާ ކެއުން ބުއިމުން ދުރުހެލިވެގެން ހުންނާނީއެވެ. އެހެނީ އެހިސާބުން އޭނާ އަކީ ރޯދަ ވާޖިބުވާ މީހުންގެ ތެރެއަށް ވަނީއެވެ. ނަމަވެސް އެދުވަހުގެ ރޯދަ ފަހުން ގަޟާކުރަން ނުޖެހޭނެއެވެ. ސަބަބަކީ އެދުވަހުގެ ފަޖްރުލީއރު އޭނާ އަކީ ރޯދަވާޖިބުވާ މީހުންގެ ތެރޭ ހިމެނޭ މީހަކަށް ނުވާތީވެއެވެ.

ފިރިހެން ކުދިން ބާލިޣްވީ ކަމަށް ކަނޑަ އަޅާނީ ތިންކަމުން ކުރެ ކަމެއް ހަމަވުމުންނެވެ. އެއީ:

  1. ނިދީގައި ނުވަތަ އެނޫންވެސް ގޮތަކަށް މަނި ބޭރުވުން. ސޫޜަތުއް ނޫރުގެ 59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا بَلَغَ الْأَطْفَالُ مِنكُمُ الْحُلُمَ فَلْيَسْتَأْذِنُوا كَمَا اسْتَأْذَنَ الَّذِينَ مِن قَبْلِهِمْۚ   ) މާނައަކީ: " އަދި ތިޔަބައިމީހުންގެ ތެރެއިން ކުޑަކުދިން، بالغ ވުމުގެ عمر އާހަމައަށް ފޯރައްޖެނަމަ، އެކުދިންގެ ކުރިން އިސްވެދިޔަމީހުން (ތިޔަބައިމީހުންގެ ކިބައިން) إذن ލިބިގަތްފަދައިން، އެކުދިންވެސް إذن ލިބިގަންނަހުށިކަމެވެ!"

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (غُسْلُ الْجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ   ) މާނައަކީ: "ހުކުރުދުވަހު ހިނައިގަތުމަކީ އިޙްތިލާމްވެފައިވާ (ބާލިޣްވެފައިވާ) ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ކަމެކެވެ."

  1. ޢާނަތުގައި އިސްތަށިފެޅުން. عَطِيَّةُ الْقُرَظِيُّ ، قَالَ : " عُرِضْنَا عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَمَنَ قُرَيْظَةَ فَمَنْ كَانَ مِنَّا مُحْتَلِمًا ، أَوْ نَبَتَتْ عَانَتُهُ ، قُتِلَ قَالَ : فَنَظَرُوا إِلِيَّ فَلَمْ تَكُنْ نَبَتَتْ عَانَتِي ، فَتُرِكْتُ) މާނައަކީ: ޢަޠިއްޔާ އަލްގުރަޡީ ވިދާޅުވިއެވެ. "ގުރައިޡާގެ ޒަމާނުގައި ތިމަންމެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިފުޅުމައްޗަށް ހުށަހެޅުނެވެ. ތިމަންމެންގެ ތެރޭގައި ތިބި އިޙްތިލާމްވެފައިވާ މީހުން، ނުވަތަ ޢާނަތުގައި އިސްތަށިފަޅާފައި ތިބި މީހުން ގަތުލުކުރެވުނެވެ. ތިމަންނާ އަށް ބެލިއިރު ޢާނަތުގައި އިސްތަށި ފަޅާފައި ނެތުމުން ދޫކޮށްލެވުނެވެ."
  2. ޢުމުރުން 15 އަހަރު ފުރުން. عَنِ ابْنِ عُمَرَ ، قَالَ : " عُرِضْتُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ أُحُدٍ ، وَأَنَا ابْنُ أَرْبَعَ عَشْرَةَ سَنَةً وَلَمْ أَحْتَلِمْ ، فَلَمْ يَقْبَلْنِي ، ثُمَّ عُرِضْتُ عَلَيْهِ يَوْمَ الْخَنْدَقِ وَأَنَا ابْنُ خَمْسَ عَشْرَةَ سَنَةً فَقَبِلَنِي) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އުޙުދު ހަނގުރާމައިގެ ދުވަހުގައި ހަނގުރާމާގައި ބައިވެރި ކުރުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތިމަންކަލޭގެފާނު ހުށަހެޅުނެވެ. އޭރު ތިމަންކަލޭގެފާނުގެ ޢުމުރުން 14 އަހަރެވެ. އިޙްތިލާމެއް ނުވެއެވެ. އެހެންކަމުން ހަނގުރާމާގައި ބައިވެރި ވުމަށް ގަބޫލެއް ނުކުރެއްވިއެވެ. އެއަށްފަހު ޚަންދަގު ހަނގުރާމާގައި ބައިވެރިވުމަށް ހުށަހެޅުނެވެ. އޭރު ތިމަންކަލޭގެފާނުގެ ޢުމުރުން 15 އަހަރެވެ. އެފަހަރު ގަބޫލު ކުރެއްވިއެވެ."

އަންހެން ކުދިން ބާލިޣްވީ ކަމަށްވެސް ބަލާނީ އިސްވެދިޔަ ކަންތައްތަކުން ކުރެ ކަމެއް މެދުވެރިވެއްޖެނަމައެވެ.  މީގެ އިތުން ހަރަތުވަނަ ކަމެއް ވެއެވެ. އެއީ ޙައިޟުވުމެވެ. އަންހެން ކުއްޖަކު ޙައިޟުވުމާއި އެކު އެވަނީ ބާލިޣްވެފައެވެ. އެހިސާބުން ޢުމުރުން ދިހަ އަހަރު ނުފުރުނު ނަމަވެސް މުކައްލަފަކަށްވީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *