ރޯދައާއި ސުވާލު: ރޯދައަށް ހުރެ ޖިމާއު ވެއްޖެނަމަ ކައްފާރާ ދޭން ޖެހޭނެތަ؟

ރޯދައާއި ސުވާލު: ރޯދައަށް ހުރެ ޖިމާއު ވެއްޖެނަމަ ކައްފާރާ ދޭން ޖެހޭނެތަ؟

ރޯދަ ގެއްލޭ ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ ޖިމާޢު ވުމެވެ.

މިއީ ރޯދަ ގެއްލޭ އެންމެ ބޮޑު ކަންތަކެވެ. އަދި އެންމެ ފާފަ ބޮޑުވެސް ކަންތަކެވެ. އެހެންކަމުން، އަމިއްލަ އިޚްތިޔާރުގައި ގަޞްދުގައި ރަމަޟާން މަހު ދުވާލު ޖިމާޢުވެއްޖެ މީހާގެ ރޯދަ ފާސިދުވާނެއެވެ. ޖިމާޢުވުމުގެ ސަބަބުން މަނި ބޭރުވިޔަސް ނުވިޔަސްވެހެވެ. އެފަދަ މީހާ ތައުބާވާން ޖެހޭނެއެވެ. އަދި އެދުވަހުގެ ބާކީ ބައިގާ އެއްޗެއް ކައިބޮއި ހަދައިގެންވެސް ނުވާނެއެވެ. އަދި ފަހުން އެރޯދަ ގަޟާކޮށް، މުޣައްލަޡާ ކައްފާރާ ދޭން ޖެހޭނެއެވެ. އޭގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ.

بينا نحن جلوس عند النبي صلى الله عليه وسلم إذا جاءه رجل فقال : يا رسول الله هلكت ، قال : ما لك ؟ قال : وقعت على امرأتي وأنا صائم ، فقال رسول الله صلى الله عليه وسلم : هل تجد رقبة تعتقها ؟ قال : لا ، قال : فهل تستطيع أن تصوم شهرين متتابعين ؟ قال : لا ، قال : فهل تجد إطعام ستين مسكينا ؟ قال : لا ، قال : فمكث النبي صلى الله عليه وسلم فبينا نحن على ذلك ، أتي النبي صلى الله عليه وسلم بعرق فيها تمر – والعرق المكتل – قال : أين السائل ؟ فقال : أنا ، قال : خذ هذا فتصدق به ، فقال الرجل : على أفقر مني يا رسول الله ؟ فوالله ما بين لابتيها – يريد الحرتين – أهل بيت أفقر من أهل بيتي ، فضحك النبي صلى الله عليه وسلم حتى بدت أنيابه ، ثم قال : أطعمه أهلك   )

މާނައަކީ: "ތިމަންމެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީނދެ ތިއްބާ މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ ހަލާކު ވެއްޖެއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިބާ އަށް ކިހިނެއް ވީ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނާ ރޯދަ އަށް ހުރެ އަނބިމީހާ އާއި އެކު ޖިމާއު ވެއްޖައީމެވެ." ޙަދީޘް ކުރެއްވިއެވެ. "އަޅަކު މިނިވަން ކުރުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ހަދީޘް ކުރެއްވިއެވެ. "ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފިދާނެ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ޙަދީޘް ކުރެއްވިއެވެ. "ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުކޮޅަކު ހަނު ހުންނެވުމަށްފަހު ކަދުރު އޮފި ކޮޅެއް ގެންނަވައި ޙަދީޘް ކުރެއްވިއެވެ. "ސުވާލު ކުރި މީހާ ކޮބައި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "މިކަދުރު އޮފި ކޮޅު ހިފައިގެން ގޮސް، މިއިން ޞަދަގާތް ކުރާށެވެ." އެމީހާ ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ އަށް ވުރެ ފަގީރު މީހަކަށް ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ތިމަންނަގެ އަވަށުގައި ތިމަންނާގެ ގެއަށްވުރެ ފަގީރު ގެއެއް ނުވެއެވެ." އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެދު ދެދަތްޕުޅު ފެންނަ ވަރަށް ހިނިފުޅު ވަޑުވާފައި ޙަދީޘް ކުރެއްވިއެވެ. "ތިބާގެ ގޭގެ އަހްލުވެރިންނަށް ކާންދޭށެވެ."

ޖިމާޢު ވުން ފިޔަވާ ރޯދަ ގެއްލޭ ފަދަ އެހެން ކަމެއް ކުރުމަކުން ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *