އެންމެހާ މުސްލިމުންވެސް ރަމަޟާންމަހަށް އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާއެކުގައި ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ރަމަޟާންމަހަށް އިސްތިޤްބާލުކުރުން" މިމައުޟޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ ރަމަޟާންމަހަށް އުފަލާއި، ހިނިތުންވުމާއެކުގައި އިސްތިޤްބާލުކުރަން ޖެހޭނީ އެއީ ކިޔަމަންތެރިވުމުގެ މޫސުންކަމަށް ވާތީ ކަމުގައެވެ. އަދި އެއީ ހެޔޮކަންތައް ކުރުމުގައި ވާދަކުރަންޖެހޭ ވަގުތުކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވީ އެއީ ހެއްދެވި ފަރާތުގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިން އަޅުންގެ މައްޗަށް އޮއްސަވާ މައްސަރު ކަމުގައެވެ.
އެއީ ވަރަށް އަވަހަށް ވަކިވެގެން ހިނގައިދާނެ މަދު ދުވަސްކޮޅެކެވެ. ވީމާ ރޯދަހިފުން ބުރަކަމަކަށް ނަހަދާށެވެ! ރޯދަމަހުގެ ޙުރުމަތް ނުކަނޑާށެވެ. ރޯދަ ހިފުމުން ލިބޭ ސަވާބުގެ މަތިން ހަނދުމަކޮށް ރޯދަ ހިފާށެވެ! ރޯދައަށް ފަރުވާކުޑަކުރާ މީހާއަށް އެކަމުގެ ދެރައާއި ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެއެވެ. އެދުވަހަކުން އޭނާއަށް އެހީވާނެ އެއްވެސް ފަރާތެއް ނުލިބޭނެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވެފައިވަނީ، ރަމަޟާންމަހުގެ ރޯދައަކީ އިސްލާދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމުގައެވެ. އަދި ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާންމަހާއި އިސްތިޤުބާލުކޮށް، ރޯދައިގެން އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކާ އެކަމާ ގުޅޭ މައުލޫމާތު އުނގެނި ދަސްކުރުމަށް ޚުޡުބާގައި ގޮވާލައްވާފައި ވެއެވެ.
ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި، ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ސަވާބު އުނިކުރާ ކްނަތައްތައް ދެނެގަންނާށެވެ! ތަރާވީޙު ނަމާދާއި، އިޢުތިކާފަށް އިނުމާއި، ޤުރުއާން ކިޔެވުން ގިނަކުރުމާއި، ޟަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގި ވާށެވެ!
މިއަދު ހުކުރު ޚުޡުބާގައި ގޮވާލައްވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ