ހުޅުމާލެއިން ނުހައްގުން 50 ބިން ދީފަ އެބައޮތް، އެއީ ކޮންބައެއްކަން ހާމަކުރާނަން: ފަޒުލް

ހުޅުމާލެއިން ނުހައްގުން 50 ބިން ދީފަ އެބައޮތް، އެއީ ކޮންބައެއްކަން ހާމަކުރާނަން: ފަޒުލް

Author
ހުސެއިން
04 މާރޗް 2024 12:18
0

ހުޅުމާލެއިން ނުހައްގުން 50 ބިން ދީފަ އެބައޮތް ކަމަށާއި އެއީ ކޮންބައެއްކަން ހާމަކުރާނެ ކަމުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވީ ވެރިކަން ހިންގާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއާ ހަވާލުވުމަށްފަހު ދެވަނައަށް އެންމެ އިސްކަންދީގެން ކުރެއްވި މަސައްކަތަކީ ހުޅުމާލެއިން ދޫކުރި ބިންތަކަށް ވީ ގޮތެއް ބެލުންކަމުގައެވެ.

އެގޮތުން އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ދޫކޮށްފައިވާ 50 ބިން އެބައޮތް ކަމުގައެވެ.

ހުޅުމާލޭގެ 1، 2 އަދި ކީއްކުރަންތޯ ނުހިއްކާ އޮތް ތަންވެސް އެތަނުން ގާތްގަޑަކަށް 50 އަކަށް ބިން މި އޮތީ އެކި އެކި މީހުންނަށް ދީ ހަލާސްކޮށްލާފައި. ހަވާލުވިިއރު ވިޔަފާރީގެ އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި ގިނަ ބިންތަކެއް މިއަދުވެސް އެބަހުރި.
ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވި އެބިންތައް އެބިންތައް ނުހައްގުން ދޫކުރީ ކޮންބަޔަކަށްކަން ހާމަކުރާނެކަމަށާއި، އެވާހަކަ ނުދައްކާ މިއަދު ތިބެވެން ނެތްކަމުގައެވެ.
މިވާހަކަ ނުދައްކާ، މިވާހަކަތައް ރައްޔިތުންނާއި ހަމަ ނުގެނެސް ދެން ކުރިޔަކަށް ދެވޭކަށް ނެތް، ކުރިޔަށް އޮތް ތާނގައި އެއީ ކޮން ފަރާތަކެއް ކަމަށްވަންޏާ އެ ފަރާތްތަކުގެ ނަންތައްވެސް އަޅުގަނޑުމެން ހާމަކުރާނަން.
އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފަޒުލްވަނީ، އެޗްޑީސީން ކުރިޔަށް ގެންދާ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، ހާލަތަށް އަންނަ ބަދަލާއި ގުޅިގެން ބައެއް ބަދަލުތައް އަންނަމުންދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.