މިނިސްޓްރީގެ 14 ހަފްތާގެ ހުރިހާ ވައުދެއް ވަނީ ފުއްދިފައި: އައިޝަތު ޝިހާމް

މިނިސްޓްރީގެ 14 ހަފްތާގެ ހުރިހާ ވައުދެއް ވަނީ ފުއްދިފައި: އައިޝަތު ޝިހާމް

Author
އަހުމަދު
17 ފެބްރުއަރީ 2024 06:51
0

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ 14 ހަފްތާގެ 10 ވައުދުގެ ތެރެއިން ހުރިހާ ވައުދެއް ފުއްދިފައިވާ ކަމަށް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

އައިޝަތު ޝިހާމް އެގޮތަށް ވިދާޅުވީ އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި "އިސްރަށްވެހިންގެ ނާދީ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ނާދީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ކަމީ އިސް ރަށްވެހިންނާ ދޭތެރޭގައި އެމަނިކުފާނު ބަހައްޓަވާ ލޯތްބާއި ކުލުނު ކަމަށެވެ. އެހެންވެ، އަމިއްލަ ނަމުގައި އާއި އިސްރަށްވެހިންގެ ނަމުގައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތުގެ ދަށުން މިއަދު މާލޭގައި މި މަރުކަޒު ހުޅުވުނު ނަމަވެސް ރަށްރަށުގައި މިފަދަ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މާލޭގައި މި ހުޅުވުނު އިސްރަށްވެހިންގެ ނާދީއަކީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސައްކަތާއި ދީލަތި ކަމުގެ ފޮނި ނަތީޖާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

"މިގޮތަށް އިޖުތިމާއީ އާއި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާ އިން މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޓީމާއި އެ ޓީމަށް އެހީތެރިވެދިން ވުޒާރާގެ މުވައްޒަފުން ކޮށްދެއްވި އިހްލާސްތެރި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އައިޝަތު ޝިހާމް ވިދާޅުވީ މި މަސައްކަތް ހަގީގަތަކަށް ހެދުމުގައި ކުރަހަމުން ދިޔަ ތަސްވީރުގައި އެންމެ ފުރިހަމަ، ރީތި ކުލަތައް ޖައްސައި ދިން ބަޔަކީ ޕެންޝަން އޮފީސް ކަމަށެވެ. އެހެންކަމުން ޕެންޝަން އޮފީހުން ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވައިފައެވެ.

އައިޝަތު ޝިހާމް ވިދާޅުވީ ނާދީއަކީ އިސް ރަށްވެހިން ބަލައިގަންނަ ތަނަކަށް ހެދުމަށް ފެށި މި ދަތުރުގައި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވަރަށް ފޯރިއާ އެކުގައި ބައިވެރިވެފައިވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވިއެވެ.

"މި ނާދީ ވާނީ އުމުރުން ދުވަސްވީ ވުމުގެ ސަބަބުން ކުރިމަތިލާން ޖެހިދާނެ ނުތަނަވަސްކަމަށް އިސްރަށްވެހިންގެ ހިތްތަކަށް ފޯރުވައި ދެވުނު އުފާވެރި ތަސައްލީއަކަށް. އިސްރަށްވެހިންގެ ތަޖުރިބާ އާއި ހަނދާންތައް ހިނިތުންވާނެ އުފާވެރި ބަހާއަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިސްރަށްވެހިން މި ތަނުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ. އަދި އިސް ރަށްވެހިން އެ ނާދީ އަށް ޒިޔާރަތް ކުރައްވައި މި މާހައުލުގެ އުފާވެރިކަން އިހްސާސް ކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.