ރޯދަ ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދިނުމަށް ހަނދާން ކޮށްދީފި

ރޯދަ ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދިނުމަށް ހަނދާން ކޮށްދީފި

Author
ހުސެއިން
17 ފެބްރުއަރީ 2024 06:36
0

ކުރިޔަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށްވެސް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް ލޭބަ ރިލޭބަންސް އޮތޯރިޓީން ހަނދާން ކޮށްފީއެވެ.

ލޭބަ ރިލޭބަންސް އޮތޯރިޓީން ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ، ބައެއް ފަރާތްތަކުން ރޯދަމަހުގެ އިނާޔަތް ދިންކަމުގައި ވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންވަރަށް އެ އިނާޔަތް ދެމުން ނުދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ހުރިހާ ފަރާތްތަކުންވެސް ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން 1445 ވަނަ އަހަރުގެ ރޯދަ އިނާތް ދިނުމަށް ހަނދާންކޮށްދޭކަމުގައި އެ އިއުލާންގައި ވެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިންހާސް ރުފިޔާ ދޭންވާނެކަމަށެވެ. އެމާއްދާގެ ނ ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތަށް އިޚްތިޔާރު ލިބިގެންވާ ކަމެއްކަމަށެވެ.

މި އިޚްތިޔާރުގެ ދަށުން ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މި މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުގެ މަތިންނެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުގައި ރޯދަ އެލަވަންސް ނުދީފިނަމަ އެ ކަމަށް ނަސޭހަތްތެރިވެ، އެ ކަން ތަކުރާރުވެެއްޖެ ނަމަ 5000އާ 50،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުންދޭ ހުއްދަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.