އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީ އަށް ހާޒިރު ކުރަނީ

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީ އަށް ހާޒިރު ކުރަނީ

Author
ހުސެއިން
13 ފެބްރުއަރީ 2024 01:46
0

ފަލްސްތީނުގެ ބިންތައް ފޭރިގަނެ، އެގައުމުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދެމުންދާ އިޒްރޭލުގެ ޕާސްޕޯޓުތައް ރާއްޖެއިން ބަލައިނުގަނެ، އެގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް އެދިފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބޮއިކޮޓް ކުރުމުގެ މައްސަލަ ފާއިތުވި އަހަރުގެ އޮކްޓޯބަރުމަހު މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހުށަހެޅީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދުއެވެ.

އަދި ފާއިތުވިއަހަރުގެ ނޮވެމްބަރުމަހު މަޖިލިސް ދޮށުގައިވަނީ، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ މުޒާހިރާވެސް ކޮށްފައެވެ. އެދުވަހު ފޮރިން މިނިސްޓްރީ ދޮށުގައިވެސް މުޒާހިރާ ކޮށްފައިވާއިރު، މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ އެމުޒާހިރާގައި ބައިވެރި ވެފައެވެ. އަދި އޭރު ވަނީ އިސްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް އެދި ރައީސް ސާލިހަށްވެސް ސިޓީއަކުން އެދިފައެވެ.

އެދުވަހު މުޒާހިރާގެ ބައިވެރިންނާ ބައްދަލުކޮށް މޫސާ ޒަމީރު ވިދާޅުވީ އިސްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލިސް ކޮމިޓީން ރައީސަށް ފޮނުވި ސިޓީގެ މައުލޫމާތު އެދުވަހު އެގިވަޑައިގެންފައި ނުވާކަމަށެވެ.

އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މިކަމަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައެއް ނުވެއެވެ.

މިއަދު ބޭއްވި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ، މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ތެރޭގައި މިނިސްޓަރު ޒަމީރު ހާޒިރުކުރަން ކޮމިޓީން އެދުނު ކަމަށެވެ.

އެކަމަކު ތިން ވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، މިނިސްޓަރަށް ވަގުތު ނުވާތީ ކޮމިޓީ އަށް ވަޑައިނުގެންނެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އެ މައްސަލާގައި ކޮމިޓީ އަށް ވަޑައިގެންނެވުމަށް ޒަމީރަށް އަލުން ދެންނެވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.