ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ސަބަބުން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ނުދެއްކުމުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާގެ މައްޗަށް ދައުވާ ކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
ތިލަމާލެ ބްރިޖް އެޅުމަށް އެފްކޮންސް އިން ބޭނުންކުރި ސެލްފް އެލިވޭޓިން ޕްލެޓްފޯމް ޔޫވްރާޖް ވިލިމާލެ ފަރަށް އަރާފައިވަނީ އޮގަސްޓް 16، 2022 ގައެވެ. އޭގެ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން، 27 އޮގަސްޓް 2022 ގައި އެ ޕްލެޓްފޯމްވަނީ ފުން ކޮށްފައެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ސާވޭއަކުން ދައްކާފައިވާ ގޮތުގައި މި ހާދިސާގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ނަތީޖާއެއްގެ ގޮތުން ފަރުގައި ބޮޑު ހަތަރު ވަޅުގަޑު އުފެދިފައިވެ އެވެ.
އީޕީއޭ އިން ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ ކުންފުނިން އެ ޖޫރިމަނާ އެންވަޔަރަންމަންޓް މިނިސްޓްރީގައި އިސްތިއުނާފު ކުރުމުން އިސްތިއުނާފް އެ ކުންފުންޏަށް ކާމިޔާބުވެފައި ނުވާއިރު، ފަހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ކޯޓުން އިންކާރު ކުރި ނަމަވެސް އެ މައްސަލަ އަދިވެސް ކުރިއަށް އެބަދެ އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން ދަނީ ދައުވާކުރުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްކޮންސްއަށް ކުރިން އަންގާފައިވާއިރު، އޭގެ ފަހުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ޖޫރިމަނާ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. ނަމަވެސް ޖޫރިމަނާ ފައިސާ ދައްކާފައެއް ނުވެއެވެ. އީޕީއޭގެ ރިޕޯޓުގައި ވާގޮތުން އެފްކޮންގެ ޕްލެޓްފޯމް ހަލާކުވުމުގެ ސަބަބުން ފަރުގެ 2755 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ކޮމެންޓު ފޮނުވާ