މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް ބޭއްވުނު އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމާއެކު، ދެން އޮތީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުން ކަމުގައި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރ ބައި އިލެކްޝަންގައި މޭޔަކަށް އެމްޑީޕީގެ ކެނޑިޑޭޓް އިންތިޚާބުވުމުގައި އުފަލުގައި ސަލްޓަން ޕާކުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ އިއްޔެ އިންތިހާބުގައި މާލޭގެ ރައްޔިތުން ސަރުކާރަށް ދިނީ މުހިންމު މެސެޖެއް ކަމަށާއި، އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖައްސާ އަތޮޅުތަކަށް އަންނަ ހަފުތާގައި ދަތުރުތައް ފަށާނެ ކަމަށެވެ.
ކާމިޔާބާއެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން.
ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީ ވަރުގަދަ ކުރުމަށް ކުރާ ފުރަތަމަ ދަތުރު ފަށާނީ އައްޑޫ ސިޓީންނާއި ފުވައްމުލަކު ސިޓީން ކަމުގައެވެ.
މޭޔަރު ހޮވުމަށް އިއްޔެ ބޭއްވ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވާދަކުރެއްވި އާއިޝަތު އާޒިމާ ޝަކޫރަށް 5،031 ވޯޓު ލިބިވަޑައިގެންނެވިއިރު ދަ ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހް އަށް ލިބިވަޑައިގަތީ 2،343 ވޯޓެވެ.
މޭޔަރު އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގަތީ 125 ވޯޓެވެ.