ޔުނާން.

ޔުނާން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

ޔުނާން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ހުޅުމާލެ ކޯޓުން އޭނާ ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 14 އެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާ އަށް ނޫނީ ބޭރަށް ނުނިކުތުމާއި އަމިއްލަ ދަރިންނާއި ކުޑަކުދިން ހިމެނޭހެން ބައްދަލު ނުކުރުމާއި އެ މައްސަލާގައި އަނިޔާ ލިބިފައިވާ އެއްވެސް މީހަކާ މުއާމަލާތު ނުކުރުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުމާއި މާލެއިން ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމާއި މީޑިއާ އަށް އެއްވެސް މައުލޫމާތެއް ނުދިނުމެވެ. އެކަމަކު، މިއިން ބައެއް ޝަރުތުތަކާ ޔުނާން ހިލާފުވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިން ބުނެފައިވެއެވެ.

އެހެންވެ، ހުޅުމާލެ ކޯޓުން ޔުނާން ދޫކޮށްލަން ނިންމި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ހައި ކޯޓުން ނެރުނު އަމުރުގައި ވަުނީ ހުޅުމާލެ ކޯޓުގެ އަމުރު ބާތިލްކޮށް، ޔުނާން ބަންދުކުރުމަށް އެދި އެ ކޯޓަށް މިއަދުން ފެށިގެން ހަތް ދުވަސްތެރޭގައި ހުށަހަޅައިފިނަމަ އެ ހުށަހެޅުމާމެދު އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށް އެދިފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހުއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. މިހާރު މިމައްސަލަ އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.

ޕީޖީ އޮފީހުން މިދެމަފިރިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު،އުމުރު ދުވަހަށްވުރެ ދިގު ޖަލު ހުކުމްތަކެއް އަންނާނެއެވެ. ކޮންމެ ދައުވާއެއްގައި މަދުވެގެން 15 އަހަރުގެ ޖަލު ހުކުމްތަކެއް ހުރިއިރު، މިއިން ކޮންމެ ދައުވާއެއް ކޮށްފައިވަނީ ވަކި ދައުވާތަކެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *