ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކުރަމުންދާ މަސައްކަތް ނިންމާލާނީ ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބް ކުރުމަށް ފަހުގައިކަމަށް ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޢައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ދައުލަތުން ކުރި މަސައްކަތަކީ ޤާނޫނާއި ޚިލާފް މަސައްކަތެއްކަމަށް ސްޕްރީމް ކޯޓުން މިއަދު ކަނޑައަޅައި ކޮށްފައިވާ ހުކުމާއި ގުޅިގެން ޢައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޕީޕީއެމްޕީއެންސީގެ މަސައްކަތް ނިމޭނީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށްފަހު 2023 ގެ ރިޔާސީ އިންތިޚާބްވެސް އެމަނިކުފާނަށް ކާމިޔާބް ކޮށް ދިނުމަށްފަހުގައި ކަމަށެވެ.
ރާއްޖެއަށް މިއަދު ދިމާވެފައިވާ އިޤްތިޞާދީ މައްސަލަތަކާއި، އިޖުރިމާއީ މައްސަލަތައް ހައްލުކޮށް ރާއްޖެ އަމާން އައްސޭރިއަކަށް ގެންދެވޭނީ ރައީސް ޔަމީން ވެރިކަމަށް ގެނެސްގެންކަމަށް ޢައްސާން ވިދާޅުވި އެވެ. މިމަސައްކަތަކީ ސިޔާސީ ގޮތުން ޤައުމީ އަދި ވަތަނީ ގޮތުންވެސް ކުރަންޖެހިފައިވާ ޤައުމީ ބޮޑު ޒިންމާއެއްކަމަށް ޢައްސާން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަސައްކަތް އިންޝާ ﷲ ނިންމާނީ ރައީސް ޔާމީން މިނިވަންކޮށް، ދިވެހި ޤައުމު މިނިވަންކަމާއި އިސްތިޤުލާލުގެ ހިމާޔަތުގައި، ދިވެހި އިޤްތިޞާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާކުރަން އެމަނިކުފާނު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބް ކޮށްފަ. ޤައްސާން ވިދާޅުވި އެވެ.
ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، މިދިޔަ އަހަރުގެ މާޗު މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތު ފުރިހަމަ ނުކޮށް، އެ އަމުރު ނެރެފައިވާތީ ކަމަށް ބުުނެ އެވެ. އެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މިހުކުމާއިއެކު އެތައްބަޔަކު ދަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައި ސޯޝަލް މީޑިޔާގައި އަޑު އުފުލަމުންނެވެ. އަދި މިހުކުމުންވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ އިންސާފުވެރިކަމާއިއެކުގައި ނޫންކަން ހާމަވެގެން ގޮސްފައިވާކަމަށް ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ