ސިޔާސީ ހަމަލާތަކަކީ އާކަމެއް ނޫންކަމަށާއި، ދޭ ސިޔާސީ ހަމަލާއަކުން ފަހަތަށް ނުޖެއްސޭނެ ކަމުގައި، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ދައުވާ އުފުލައިވާކަމަށް ބުނެ އޮންލައިން ނޫހަކުން މިއަދު ޝާޢިއުކުރި ޚަބަރަކާއި ގުޅޭގޮތުން އާޒިމާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނޫހުން އެ ޚަބަރު ލިޔެފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި، ޚަބަރު ލިޔެފައިވަނީ އެއްފަރާތަށް ބުރަވެ ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއެއް އޮތްނަމަ ޗިޓު ހަވާލު ކުރުމަށްފަހު ޖަވާބުދާރީވާން ދެ ހަފްތާގެ މުހުލަތެއް ދިނުމަށް ޖީނާއީ އިޖުރާއަތުގެ ގާނޫނުން ލާޒިމްކުރާކަމަށާއި، އެހެންނަމަވެސް އެ މަރުހަލާވެސް ކުރިޔަށް ނުދަނީ، "ދައުރު ނޫހަށް" އޭނާގެ ޗިޓް ލިބުމުން ސުވާލު އުފެދޭ ކަމަށެވެ.
އޮންލައިން ނޫސް "ދައުރު ނޫހުގައި" މިއަދު ލިޔެފައިވަނީ އާޒިމާއާއި ދެކޮޅަށް އަމިއްލަ ކުންފުނިން ކޮށްފައިވާ ދައުވާގެ މައްސަލައިގެ ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މިހާތަނަށް ބޭއްވި އަޑުއެހުންތަކަށް ވެސް އާޒިމާ ކޯޓަށް ހާޒިރުވެފައެއް ނުވާކަމަށްވެސް ނޫހުގައި ލިޔެފައި ވެއެވެ.
ޕްރެސް ކޮންފަރެންސްގައި އާޒިމާގެ ވަކީލުންވެސް ވިދާޅުވެފައިވަނީ މިވަގުތާއި ހަމައަށްވެސް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާކަމަށް މައުލޫމާތެއް ލިބިފައެއް ނުވާކަމަށާއި، ކަން ހިގައިދިޔަގޮތް ސާފުކުރުމަށް ސިވިލް ކޯޓުގައި ސިޓީއަކުން އެދިފައިވާ ކަމުގައެވެ.
އާޒިމާ ވިދާޅުވީ އޭނާއަކީ އެކި ސަރުކާރުތަކުގައި ނުފޫޒުގަދަ މަގާމްތައް އަދާކޮށްފައިވާ ފަރާތެއް ކަމަށާއި، އެއިން އެއްވެސް ފަހަރަކު ދައުލަތުގެ ފައިސާގައި ޖެހިފައި ނޯންނާނެ ކަމުގައެވެ.
އާޒިމާ ވިދާޅުވެފައިވަނީ ކަށަަވަރު ނުކޮށް އަބުރު ގެއްލޭގޮތަށް ޚަބަރު ޝާއިރުކުރި ނޫހާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ