ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުވެ ދިއުމުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށާއި، އެގޮތުން އެ ޒިންމާ ނަގާ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ކާމިޔާބު ވަނީ ވަރަށް ގިނަ ކަންކަން ހަމެޖެހި ތަރިތީބުވެގެން ކަމަށާއި، ޕާޓީގެ އެތެރޭގައި ކުރިމަތިވި މައްސަލަތަކަކީ ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮން އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކުގައި، ކެމްޕޭންތަކުގައި ހަރަކާތްތެރިވަމުން އައި ވަރަށް ގިނަ ބަޔަކު ޕާޓީއާއި ދުރަށް ދިޔަކަމަށެވެ.
ޗެއަރޕާސަންގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވީމާ އެ ޒިންމާ އަޅުގަޑު ނަގަންޖެހޭނެ. އެހެންވީމަ އަޅުގަޑު އެޒިންމާ ނަގަން. ކޮންމެ ގޮތެއްވިޔަސް އެއޮތީ ކާމިޔާބު ނުވެފަ.
ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދޭތެރޭ ލިބުނު ވަގުތުގައި، ޕާޓީން ވަކިވެގެން ދިޔަ މީހުން އަލުން އުފައްދަން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށާއި، ޕާޓީން ވަކިވެގެންދިޔަ މީހުން އާ ޕާޓީއެއް އުފަދާނެކަމަށް އުއްމީދު ކުރެވިފައި ނުވާކަމުގައެވެ. އޭގެ ބަދަލުގައި ވިސްނިފައި އޮތީ ވަކި ފެކްޝަނެއްގެ ގޮތުގައި ޕާޓީގެ ތެރޭގައި، ވަކިވެގެންދިޔަ މީހުން ދެމި ތިބޭނެކަމަށް އޭރު ހީ ކުރެވުނު ކަމުގައިވެސް ފައްޔާޒި ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދައުލަތެއްގެ ސިފަ ގެންގުޅުމަށްޓަކާ ހާމަކުރަންޖެހޭ ބައެއްކަންކަން ހާމަ ނުކުރެވި ދިއުމަކީވެސް ރިޔާސީ އިންތިޚާބުގައި ގެއްލުންތަކެއް ލިބިގެންދިޔަ ކަމެއްކަމަށާއި، އެހެންނަމަވެސް އޭރު ގަބޫލު ކުރެވިފައި އޮތީ ދައުލަތެއްގެ ސިފަ ނެގެއްޓުމަށްޓަކާ އޭރި ކުރަންޖެހިފައި އޮތް ކަމެއްކަމުގައެވެ.