އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ގާއިމްކުރާ އިޖުތިމާއީ މަރުކަޒުގެ ތެރެއިން، މާލޭގައި ހަދަން ނިންމާފައިވާ މަރުކަޒުގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ ހަވާލުކޮށްފިއެވެ.
އިސްރަށްވެހިންގެ ޚާއްޞަ މަރުކަޒު ޤާއިމްކުރުމަކީ ހަފްތާ 14ގައި ހިމެނޭ މުހިންމު ސިޔާސަތެކެވެ.
މި މަސައްކަތްކުރުމަށް ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދުގައި އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒު ޤާއިމްކުރާނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކުރިންހިންގި ޢިމާރާތުގައެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު މިހާރު ހިންގަނީ ސަލްމާން މިސްކިތުގައެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ، އިޖުތިމާއީ މަރުކަޒެއް ހެދުމަށް އިމާރާތުގެ އާބާތުރަފިލުވައި އިސް ރަށްވެހިންނަށް ޚިދުމަތްދެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަށް ތަނުގެ އިންޓީރިއާ ފަރުމާކުރުމާއި، ތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ ކަންކަން ޕެންޝަން އޮފީހާ ހަވާލުކޮށްފައިވާކަމަށެވެ. އެކަމާ ބެހޭ އެއްބަސްވުމެއްގައި މިދިޔަ ހޯމަ ދުވަހު ސޮއިކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޖެންޑަރ އިން ބުނީ، އެ އިމާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސިވެކްއިން ކަމަށެވެ.
މިނިސްޓްރީން ބުނީ، މާލޭގެ އިތުރުން ހުޅުމާލެއާއި އަތޮޅުތެރޭގައިވެސް މިފަދަ މަރުކަޒުތައް ގާއިމްކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން ހުޅުމާލޭގައި މަރުކަޒެއް ގާއިމްކުރުމާ ގުޅޭގޮތުން އާބަންކޯއާ މަޝްވަރާކޮށް، ރަށްރަށުގައި މިފަދަ މަރުކަޒުތަށް ބިނާކުރުމަށް ކައުންސިލްތަކާއި ސިޓީ ކައުންސިލް ތާކާއެކު މަޝްވަރާކޮށްފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ބުނެފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން ނ. އަތޮޅާއި އއ. އަތޮޅުގައި ވެސް އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ގާއިމްކުރާނެކަމަށެވެ.