ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔައި، ތަފާތު އެކިއެކި ލިޔުންތައް ޝާއިއު ކުރަމުން އަންނަ ދެ ވެބްސައިޓު އަންބްލޮކްކޮށް ދެ ވެބްސައިޓަށް ވަދެވޭ ގޮތް ހަދައިފިއެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ބްލޮކްކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އެ ދެ ވެބްސައިޓް ވެސް އަންބްލޮކްކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުން ބައެއް އާންމުންނާއި އިދިކޮޅުން އަދި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށް އެ ނިންމުން އަނބުރާ ގެންދިއުމަށް ވެސް ގޮވާލައިފައެވެ.
އެ މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މީގެކުރިން ވިދާޅުވެފައި ވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
މި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅު ކުރުމުން ޝަހީބު ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށެވެ. އަދި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ޝަހީބު ވިދާޅުވިއެވެ. އެމްޖޭއޭ އިން ބަޔާން ނެރުމުގެ ކުރިން ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތް ކަން ހިތާމައާ އެކު ފާހަގަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީބު އެގޮތަށް ވިދާޅުވި ނަމަވެސް ރަޖިސްޓާ ކޮށްގެން ހިންގަމުން ދިޔަ "ފުރަތަމަ" ނޫސް ވެސް ބްލޮކް ކުރިއެވެ. އެކަމަކު، ފަހުން އެ ވެބްސައިޓު ވަނީ އަންބްލޮކްކޮށްފައެވެ.
ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ.