ނޫސް/މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓައެއް ނުލަން: ޔޫތު މިނިސްޓަރު

ނޫސް/މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓައެއް ނުލަން: ޔޫތު މިނިސްޓަރު

ރާއްޖޭގައި ނޫސް/މަޖައްލާ ހުއްޓާ ނުލާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިން ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެއެވެ.

ނޫސް/މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓާލި ކަމަށް ބުނެ "ރާއްޖެ.އެމްވީ" އިން ގެނެސްދިން ހަބަރެއް ދޮގު ކުރައްވައި އަސްވާޑް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ މައުލޫމާތުގެ ކުށެއް ކަމަށެވެ. އަދި މި މަހު އެކަނި ވެސް ހަ ނޫހެއް ރަޖިސްޓްރީކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވި ގޮތުގައި އިއްޔެ ވެސް "މާދަމާ" ނަމަކަށް ކިޔާ ނޫހެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

ސަރުކާރުން އަންގައިގެން ރަޖިސްޓްރީ ނުކުރާ ދެ ނޫހެއް މި ފަހުން ވަނީ ބްލޮކްކޮށް، އެ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހަދައިފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ.

މި މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ހަބަރު ލިޔާ ކޮންމެ ވެބްސައިޓަކީ ނޫސް މަޖައްލާއެއް ނޫން ކަމަށާއި ރަޖިސްޓްރީކޮށްގެން ގަވައިދާ އެއްގޮތަށް ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

އޮންލައިން ނޫސްތަކެއް ބްލޮކް ކުރި މައްސަލައިގައި ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *