ފުށިދިއްގަރު ފަޅު ހިއްކަނީ ސަރުކާރުން ލޯ ލާރިއެއްވެސް ޚަރަދު ނުކޮށް: ފަޒުލް

ފުށިދިއްގަރު ފަޅު ހިއްކަނީ ސަރުކާރުން ލޯ ލާރިއެއްވެސް ޚަރަދު ނުކޮށް: ފަޒުލް

މި ސަރުކާރުން ކުރިޔަށް ގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ ސަރުކާރުން ބަޖެޓުން ލޯ ލާރިއެއްވެސް ޚަރަދު ނުކޮށްކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހާރު ހިއްކަން ފަށާފައިވާ ފުށިދިއްގަރު ފަޅުގެ މަޝްރޫޢާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ހުޅުމާލެއިން ބިންހިއްކާ ކުންފުންޏަށް ދޭ 10 ހެކްޓަރުގެ ބިން ވިއްކައިގެން އެކުންފުނިން މުޅި މަޝްރޫޢު ކުރިޔަށް ގެންދާނެ ކަމަށާއި، އެ ބިންތަކުން ވިޔަފާރު ކުރާނެ އަގުތައްވެސް ކަނޑައަޅާނީ އެކުންފުނިން ކަމުގައެވެ.

އެ ބޭފުޅުން ބިން ހިއްކާފައި އަޅުގަނޑުމެނަށް ތަން ހަވާލުކުރަންވީއޭ. އެ ހިއްކާ ބިމުން އަދި ހުޅުމާލެއިން 10 ހެކްޓަރު މި ދެނީ ކޮންޓްރެކްޓަރަށް. އެ ބިން ވިއްކައިން ލިބޭ ލާރިން އެބޭފުޅުން މުޅި އޮޕަރޭޝަން ހިންގަންވީ.

ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އާބަންކޯގެ އެސެޓްގެ ގޮތުގައި އޮތް ހުޅުމާލޭގެ 10 ހެކްޓަރު ސީއެމްސީއަށް ދީގެން އާބަންކޯއަށް 1،093 ހެކްޓަރުގެ ބިން އެބަ ލިބޭކަމަށެވެ. އެހެންކަމުން އާރަބްކޯއަށް ދޫކޮށްލާ ބިމަށްވުރެ އެތައްގުނަ ބޮޑު ބިމެއް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބޭކަން ފަޒުލް ފާހަގަ ކުރެއްވިއެވެ.

ރައީސް މުއިއްޒު މެނިފެސްޓޯގައި ހާސިލްކުރުމަށް ބޭނުންވާ 65000 ހައުސިން ޔުނިޓް ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެނަށް މި ލިބެނީ 1093 ހެކްޓަރު ބިން. އެހެންވީމަ މިއީ މި ޕްރޮޖެކްޓްގެ އަގަކީ. އަޅުގަނޑުމެން މި ދޫކޮށްލަނީ 10 ހެކްޓަރު އަދި އަޅުގަނޑުމެންނަށް ލިބެނީ 1093 ހެކްޓަރު އާބަންކޯގެ އެސެޓަށް.

ދޫކޮށްލާ ބިމަށްވުރެ އެތައް ގުނަ ބޮޑު ބިމެއް އާބަންކޯއަށް ލިބިގެންދާކަން ފާހަގަ ކުރައްވަމުން ފަޒުލް ވިދާޅުވިއެވެ.

ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު  ހިއްކުމުގެ  މަޝްރޫޢު، 'ރަސް މާލެ' މަޝްރޫއުގެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސީއެމްސީއަށް 99 އަހަރަށް ދީގެންނެވެ.

ފުށިދިއްގަރުފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 1153 ހެކްޓަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *