ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

Author
އައިޝަތު އަޙްމަދު
14 ޑިސެމްބަރ 2023 12:56
0

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދަތުރުކުރަނިކޮށް ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ޖޫރިމަނާކޮށްފައިވަނީ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ ބާޖެވެ. އެބާޖު ފިލީ ފަރަށް ނާރާކަމަށް ބުނެއެވެ. ނަމަވެސް  ސާވޭއަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން (އީޕީއޭ) އިން ނިންމާފައިވަނީ އެ ބާޖު ފަރަށް އަރައި ގެއްލުންތައް ލިބުނު ކަމަށެވެ.

ބާޖު ފަރަށް އެރި ކަމަށް ނިންމައި ތަހުގީގުނުކޮށް އުޅެނިކޮށް، ރާއްޖެ އިން ފުރައިގެން ދިޔަ ކަމަށް އީޕީއޭ އިން ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅިއެވެ. އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ހިލަ ބޭލުމަށްޓަކައި ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައިކަމަށެވެ. އަދި ބާޖު އެރި ފަރު މައްޗަށް ބޮޑު ހިލަތައް އެޅުނުކަމަށްވެސް ސަރވޭއިން ދައްކައެވެ.

ސާރވޭއިން ދައްކާގޮތުގައި ފަރުގެ 4306އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް ވެސް ސާވޭން ދައްކައެވެ.

އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162.7 މިލިއަން ރުފިޔާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅާފައެވެ ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ކަމުން އެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.