ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމަށް ބާރުއެޅުމަށްޓަކައި ދިރާސާއެއް ހެދުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ޢާންމުކުރި އިއުލާނެއްގައި ވަނީ އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްސަދުގައި ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އަނބުރާ ޚިދުމަތަށް ނުކުތުމާއި ގުޅޭގޮތުން ދިރާސާއެއްކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި ދިރާސާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށައެޅުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014407 ،3014419 ފޯނަށް ގުޅުމަށްވެސް އެ މިނިސްޓްރީންވަނީ އެދިފައެވެ.