ޑްރަކްގެ މައްސަލަތަކާއި ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކާއި، ނުރައްކާތެރި ކުށްތަކަށް އަރައިގަނެފައިވާ ޤައިދީން ހިމެނޭހެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މި އަހަރުގެ ތެރޭގައި 434 މީހަކު ޖަލުން ދޫކޮށްލާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އޮންލައިން ނޫސް މިހާރުންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކްލެމެންސީއާއި ޕެރޯލްގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ދޫކޮށްލާފައިވާ ޤައިދީންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި ކުޑަކުދިންނާ ބެހުމާއި ނުރައްކާތެރި މާރާމާރީތަކުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުން ހިމެނެއެވެ.
434 ކުށްވެރިން ދޫކޮށްލާފައިވާއިރު، އެއީ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކުރީ ސަރުކާރުގެ އެންމެފަހު ދުވަސްކަމަށްވާ ނޮވެމްބަރު 16އާއި ހަމައަށެވެ.
ކުރީ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް ގިނަ ޤައިދީންތަކެއް މިނިވަންކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް ޞާލިޙާއި އެމްޑީޕީއަށ ްޢަމާޒުވެފައެވެ. މިގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި، އެނޫންވެސް މަރުގެ މައްސަލަތައް ސާބިތުވެ ޖަލަށްލާފައިވާ ބޮޑެތި ކުށްވެރިން، ރައީސް ޞާލިޙްގެ ވެރިކަން ނިމެން ދެތިން ދުވަހަށްވެފައިވަނިކޮށް މިނިވަންކޮށްފައިވެއެވެ.
މިހާރު މާލެއާއި އައްޑޫގައި ހިންގާ މާރާމާރިތަކަކީ، ކުރީ ސަރުކާރުން ނުރައްކާތެރި ކުށްވެރިން ދޫކޮށްލުމުގެ ނަތީޖާކަަމށްބުނެ ރައްޔިތުންގެ މަޖިލީހުގައިވެސް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ