އިންތިހާބަކުން މޮޅުވުމަށް ހުންނަން ޖެހޭ ހުރިހާ ސިފައެއް އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކިބައިގައި ފެންނަން ހުރި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ސޯސަން މަގުގައި ބޭއްވި ޖަލްސާގައި ނިޔާޒް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގެ އިންތިހާބު ބޮޑު ތަފާތަކުން އާޒިމް ކާމިޔާބު ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވަވާ ކަމަށެވެ.
"ސަބަބުތައް ބައިވަރު. އެއީ ކެންޑިޑޭޓެއްގެ ކިބައިގައި އިންތިހާބެއް މޮޅުވުމަށްޓަކައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް އާޒިމްގެ ކިބައިގައި އެބަހުރި. ހަވާލު ކުރި މަސައްކަތްތައް މިހާތަނަށް ކޮށްފައި ހުރީ ރައްޔިތުންނަށް ފެންނަ ގޮތަށް، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލު ހޯދައިގެން،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލޭގެ ރައްޔިތުން ވެސް ބޭނުން ވަނީ ނަތީޖާ ނެރެދީފައިވާ އެފަދަ ވެރިއެކެވެ. އާޒިމްގެ ކިބައިގައި ހުންނަ އެންމެ ކަމުދާ ސިފައަކީ ރައްޔިތުންނާ މަޝްވަރާ ކުރުން ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.
"ކުންފުންޏެއްގެ ގޮތުގައި އޮވެގެން ހުޅުމާލޭގައި އެ ހިދުމަތް ދިން އިރުގައި އުނިވާ ހަމައެކަނި ސިފައަކީ އެއީ. ކޮންމެހެން ހިދުމަތް ދެރައީކީ ވެސް ނޫން. ހިދުމަތް ރަނގަޅު. އަދި ވަކިން ސިޓީ ކައުންސިލްގެ ދަށަށް އައުމުން ހިދުމަތްތައް ރަނގަޅު ވާނެ ކަމަކަށް ސިޓީ ކައުންސިލް މިހާރު ހިނގަމުންދާ ގޮތަށް ބަލާ އިރު ހުޅުމާލެ ރައްޔިތުން ނުދެކޭ." ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ހިދުމަތް ދެނީ ކޮން ތަނަކުންތޯ ބެލުމެއް ނޫން ކަމަށެވެ. އަދި ބޭނުންވަނީ ރަނގަޅު ހިދުމަތްތަކެއް ދިނުމާއި ގަވައިދުން ރައްޔިތުންނާ މަޝްވަރާ ކުރެވި، ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްގެން ކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ކުރާނެ މާލިމީއަކީ އާޒިމް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.