މޫސުމީގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވި ނަމަވެސް، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް އިންޑިއާއިން އަޅާފައިނުވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާއިން ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން އަންނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށް ކޮންޓްރޯލް ކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރުމާއިގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކުއްލިގޮތަކަށް އިންތިހާއަށް މަތިވެފައި ވަނިކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އާންމު ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމުގައެވެ.
މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ޝަކުވާތަކާއި ގުޅިގެން އެމިނިސްޓްރީން ރާއްޖެއަށް ފިޔާ އިމްޕޯޓުކުރާ ފަރާތްތަކާއެކު ކުރި މަޝްވަރާތަކުގައި، ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓު ކުރެވޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމުގައެވެ.
މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީން ތަފާޓު 23 ވިޔަފާރިއަކުން އަގުބަލާ ކުރި ދިރާސާއިން ދައްކާ ގޮތުގައި 23 ނޮވެމްބަރު 2023 އާއި އަޅާބަލާއިރު 10 ޑިސެމްބަރު 2023ގައި ބާޒާރުގައި %20 އާއި %50 އާއި ދެމެދު ފިޔާގެ އަގު އުފުލިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.
އެހެންނަމަވެސް މިނިސްޓްރީން ބުނެފައިވަނީ ފިޔާއާއި އަދި އެނޫން ޒަރޫރީ ބާވަތްތައްވެސް ރާއްޖެއަށް އިމްޕޯޓު ކުރުމުގައި އެއްވެސް ދައްޗެއް ނެތްކަމުގައެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދާދޭނެކަމުގެ ޔަގީންކަން ދޭކަމުގައިވެސް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން އާންމުންނަށް ދަތިވާ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތި ނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.