ތިލަމާލެ ބުރިޖު އަޅަމުންދާ އެފްކޮންސްއިން ބުރިޖު އެޅުމަށް ބޭނުންކުރަމުން އައި ޕްލެޓްފޯމު ވިލިމާލެ ފަރަށް އަރާ ލިބުނު ގެއްލުމަށް ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.
ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ޖޫރިމަނާ ކުރުމުން އެ ކުންފުނިންވަނީ ޖޫރިމަނާގެ އަދަދަށް ބަދަލު ގެނައުމަށް މައްސަލަ މިނިސްޓްރީގައި އިސްތިއުނާފްވެސް ކޮށްފައެވެ. އެހެންނަމަވެސް މިނިސްޓްރީންވެސް ވަނީ އެއަަދަދަށް ބަދަލު ގެނެސް ނުދީފައެވެ.
އެ މައްސަލަ އެފްކޮންސްއިން ސިވިލް ކޯޓުގައި އިސްތިއުނާފްކޮށް އެދިފައިވަނީ، ކުންފުނީގެ ފަރާތުން ކޯޓުގައި ދައުވާކުރަންދެން ޖޫރިމަނާ ދެއްކުން ފަސްކޯށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެހެންނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ އަމުރު ނެރެދެވެން ނެތްކަމަށެވެ.
އެފްކޮންސްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ ޕްރޮޖެކްޓްގެ ވޯކް އޭރިއާ ސަރަހައްދުގެ ތެރެއިން އެ ކުންފުނީގެ އިހުމާލަކާ ނުލާ، އަދި ކޮންޓްރޯލްގެ ބޭރުން ބާރު ނުފޯރުވޭފަދަ ބޮޑެތި ރާޅުތަކެއް ސަބަބުން ކަމަށެވެ.
އެ މައްސަލާގައި ދެފަރާތުގެ މެދުގައި ޚިލާފް އުފެދުނީ އީޕީއޭއާ ދެފަރާތުން ތައްޔާރުކުރި އެސެސްމެންޓުގައި ގެއްލުން ލިބުނު ސަރަޙައްދުގެ ބޮޑުމިންކަން ފާހަގަ ކުރުމުގައެވެ. އަދި އެބޮޑުމިނަށް ބިނާކޮށް އީޕީއޭއިން ބޮޑު އަދަދަކުން އެ ކުންފުނި ޖޫރިމަނާކޮށްފައިވާކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. މައްސަލާގައި ބުނެފައިވަނީ، އެ ކުންފުނިން ވީ އިހުމާލު އީޕީއޭއިން ސާބިތުކޮށްދީފައި ނުވާކަމުގައެވެ.
ރައްދުގައި ދައުލަތުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި ވަގުތީ އަމުރެއް ކޯޓިން ނެރެދޭން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. ޝަރީއަތުން ވަނީ ދައުލަތުގެ ވާހަކަތަށް ތާއީދު ކޮށްފައެވެ.
އީޕީއޭއިން އާންމު ކޮށްފައިވާ ފޮޓޯޓަކަކީ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަރަށް ފީނުމަށްފަހު ނަގާފާއިވާ ފޮޓޯތަކެކެވެ.
ބްރިޖް ޕްލެޓްފޯމް ފަރުމަތިން ނުނެގި ގިނަ ދުވަސް ވަމުގެ ސަބަބުން މީގެކުރިން އީޕީއެއަށާއި އަދި ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއަށްވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.
އިހުމާލުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކަކަކީ، އިހުމާލުވާ ފަރާތްތަކުން ބޮޑު އަދަދުތަކުން ޖުރިމާނާ ދައްކާން ޖެހޭ ސީރިއަސް މައްސަލައެއް ކަމެވެ. އިހުމާލުން ރާއްޖޭގެ ނާޒުކު ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާންޖެހޭގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ ވަރަށް ބޮޑެތި ޖުރިމާނާ ތަކެވެ.