ޕީއެސްއެމްގެ ނިއުސްރޫމް ހިންގުމަށް ބަދަލު ގެނެސްފި

ޕީއެސްއެމްގެ ނިއުސްރޫމް ހިންގުމަށް ބަދަލު ގެނެސްފި

Author
އަހުމަދު
29 ނޮވެމްބަރ 2023 11:30
0

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ނިއުސްރޫމް ހިންގުން ވަގުތީގޮތުން ސީނިއާ ނޫސްވެރިޔާ ހުސެއިން އަމީންއާ ހަވާލުކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ނިއުސްހެޑުގެ މަގާމަށް ބަދަލު ގެނެސްފައިވަނީ ކުންފުނީގެ ހިންގުމަށް ތަނުގެ އެމްޑީއަށް ގެންނަން ފެންނަ ބަދަލުގެ ތެރެއިން ފުރަތަމަ ގެނައި ބަދަލެއްގެ ގޮތުގައެވެ. ޕީއެމްއެމްގެ އެމްޑީ ޒީނާ ޒާހިރު މަގާމާއި ހަވާލުވުމަށްފަހު އެ ބަދަލު ގެނައީ ނިއުސް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަފަޒްލްގެ ފީޑް ބެކާއި، އޭނާއާއި ގުޅޭގޮތުން ލިބިފައިވާ ގިނަ ޝަކުވާތަކަށް ބެލުމަށްފަހުއެވެ.

އަފްޒަލް ޕީއެސްއެމްގެ ނިއުސްހެޑަކަށް ހަވާލުވީ 2018 ވަނަ އަހަރު އޭރު އަލަށް ބަދަލުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސްވެރިންތަކެއް އޭރުގެ އެމްޑީއޭއާއި، ޑީއެމްޑީއަށް އިންޒާރުދީ، އެކަން އެގޮތަށް ކުރަން އަންގައިގެންނެވެ. އޭނާ ނިއުސްހެޑަކަށް އައްޔަން ކުރިއިރު، އޭގެ ކުރިން އޭނާ ވަނީ ތަނުގެ ބައެއް ކޮންޓެންޓާއި މުހިންމު މައުލޫމާތު ނާޖައިޒު ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކާއި ތަނުގެ ގަވާއިދާއި ޚިލާފަށް ދީފައެވެ. އަދި މި މައްސަލައިގައި އޭނާ ވަނީ އިދާރީ ފިޔަވަޅު އަޅައި ނިއުސްރޫމުން ދިވެހި ރާއްޖޭގެ އަޑަށް ބަދަލުކޮށްފައެވެ.

ނިއުސްރޫމު ހިންގުމާއި ހަވާލުވިފަހުން އަފްޒަލްގެ ދަށުގައި ތިބި އެތައް މުވައްޒިފުންނެއް ވަނީ ތަނުން ކެނޑިގެން ގޮސްފައެވެ. ޒާތީ ގޮތުން މުވައްޒަފުންނާއި ޖައްސާލުމާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި، ތަނުގެ އުސޫލުތަކާއި ޚިލާފަށް އެތައް ކަމެއް ކުރުމުގެ އެތައް މައްސަލައެއް އަފްޒަލް އާއި ގުޅޭގޮތުން އެތައް މުވައްޒިފެއް ވަނީ އެކުންފުނީގެ އެޗްއާރަށް ހުށަހަޅާފައެވެ. ނަމަވެސް ނިމިދިޔަ މެނޭޖްމަންޓުގައި އޭނާގެ މައްސަލަ ބަލަން އުޅުމުން އެޗްއާރު ހެޑަށް ހުންނެވި ބޭފުޅާވެސް ވަނީ ބަދަލުކޮށްފައެވެ. ދައުލަތުގެ މީޑިއާއި މިދިޔަ ފަސް އަހަރު އެންމެ ގިނަ މުވައްޒިފުން ކެނޑިގެންދިޔަ ޑިޕާޓްމަންޓަކީ ނިއުސްރޫމެވެ.

މިފަދަ އެތައްކަމަކާއިއެކު އަފްޒަލްގެ ޒިންމާތައް މިވަގުތު ހަވާލުކޮށްފައިވަނީ ސީނިއާ ޖާނަލިސްޓް ހުސެއިން އަމީނާއެވެ. އޭނާއަކީ 2007 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގައި މަސައްކަތް ކުރަމުންދާ ނޫސްވެރިއެކެވެ. އޭނާ ވަނީ މިއަދު ނޫހާއި، ދިޓީވީއާއި، ޗެނަލް 13 އަދި ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިޝަލުކަންވެސް ކޮށްފައެވެ. އަމީންގެ ދެ ޑެޕިއުޓީންނަކީ ޖިނާހުއައި، ޖަދުވާންއެވެ.

ދައުލަތުގެ މީޑިއާ ހިންގުމާއި ހަވާލުވެ ހުންނެވި ޒީނާ ވަނީ ތަނުގެ ހިންގުން ހަރުދަނާކޮށް އޮތް ބޮޑު ދަރަނިން ސަލާމަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފައްޓަަވައިފައެވެ. އެގޮތުން ތަނުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި، އެނޫންވެސް ގިނަ ބަދަލުތަކެއް ތަނަށް ގެނައުމަށް އެމްޑީ ޒީނާ ވަނީ ނިންމަވާފައެވެ.

ކުންފުނިތަކުގެ އެކި ޑިޕާޓްމަންޓްތަކަށް ބަދަލު ގެނައުމަކީ އަބަދުވެސް ހިނގާ އާންމުކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.