ރާއްޖޭގެ ރައީސުން ދިރިއުޅުއްވި، 104 އަހަރުވީ މުލިއާގެ މަރާމާތު ކުރާނީ އެ ބިނާގެ ވިރާސީ ތަރިކަ ނުގެއްލޭ ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސްކަމަށް އާ ސަރުކާރުގެ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެ އިމާރާތަށް ބަދަލު ވެވަޑައިގަންނަވަނީ އަންނަ ޑިސެމްބަރު މަހުއެވެ. އެހާތަނާއި ހަމައަށް އެގެ މަރާމާތު ކުރާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މުލިއާގެ މަރާމާތު ކުރާނޭކަން ސަރުކާރުން ހާމަ ކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ އެ ތާރީޚީ ބިނާއަށް ބަދަލު ގެނައުމަކީ ތާރީޚަށް އުނިކަން އަންނާނެ ކަމެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވަނީ އެ އިމާރާތަކީ ގިނަ ދުވަސްވެފައިވާ އިމާރާތަކަށް ވުމުން ކޮންމެހެން ގެންނާންޖެހޭ މަރާމާތުތަކެއް ހުރި ކަމުގައެވެ. އަދި އެއީ އެތަނުގެ އަސްލު ސަލާމަތް ކުރުމަށް ކުރާންޖެހޭ މަސައްކަތްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ އެތަނަށް ދެވޭ ފަރުވާއެއް ކަމުގައެވެ.
މުލިއާގޭގެ ވިރާސީ ތަރިއަކަށް އެއްވެސް ބަދަލެއް ނާންނާނެ.
މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެފައި ވެއެވެ.
މުލިއާގެއަކީ ރާއްޖޭގެ ގިނަ ރައީސުން ދިރިއުޅުއްވާފައި ރަސްމީ ގެކޮޅެވެ. ފަހުގެ ރައީސުންގެ ތެރެއިން އެގޭގައި ދިރިއުޅުއްވާފައި ނުވަނީ ރައީސް ވަހީދު އެކަންޏެވެ. ވެރިކަމުގެ ދައުރުގައި އެމަނިކުފާނު ދިއުރުޅުއްވާފައިވަނީ މުލިއާގޭގައެވެ. ރައީސް ޔާމިންވެސް ދައުރުން ބައެއްގައި އެގޭގައި ދިރިއުޅުއްވާފައިވެއެވެ. ރައީސް ނަޝީދުވެސް ރައީސްކަމުގެ އިސްތިއުފާ ދެއްވުމާއި ހަމައަށް ދިރިއުޅުއްވީ އެގޭގައެވެ. ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވީ އެގޭގައެވެ.
އެތަނަކީ މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ގެކޮޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް އެ އިމާރާތުގައި ވަގުތީ ގޮތުން ދިރިއުޅުއްވާފައި ވެއެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރި ގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.