އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުން އަސްލަމް އިއްޔެ އިސްތިއުފާ ދެއްވީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ. އަސްލަމް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމުން، މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަމުގެ މަގާމު ވެސް ވަނީ ގެއްލިފައެވެ.
އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް އެމްޑީޕީން ޕީޖީ ގްރޫޕްގެ ލީޑަރަކު އިންތިހާބު ކުރާނެއެވެ.
މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަސްލަމް އިންތިހާބުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި މަޖިލިހުގެ ޖަލްސާގައެވެ.
އެ މަގާމަށް ކުރިމަތިލެއްވީ އަސްލަމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވި އިރު، އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މަޖިލިހުގެ ރައީސަކު އިންތިހާބު ކުރީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ހަތަރު މަޖިލިހެއް ތަމްސީލް ކުރެއްވި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އަސްލަމް މެދުކެނޑުމެއް ނެތި ތަމްސީލް ކުރެއްވީ 16 ވަނަ މަޖިލިހާއި 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހެވެ.
އަސްލަމް ވަނީ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އާއި ގަވައިދު ކޮމިޓީ އާއި އިގްތިސާދު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އަސްލަމް މަސައްކަތް ކުރައްވައިފައެވެ. އަދި މިހާރު ހިނގަމުންދާ މަޖިލިހުގައި އަސްލަމަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ.