އެއްގަޑިއިރު ތެރޭ ވިނަރެސްގެ ފްލެޓެއް ވިކިއްޖެ، މުޅިންވެސް ޝަކުވާ!

އެއްގަޑިއިރު ތެރޭ ވިނަރެސްގެ ފްލެޓެއް ވިކިއްޖެ، މުޅިންވެސް ޝަކުވާ!

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2023 01:42
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ހުޅުވާލުމާއެކު ފްލެޓްތައް ވިކި ހުސްވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، ނުވިކި ހުރި 123 ފްލެޓް ވިއްކުމަށް ހުޅުވާލިކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 10:00ގައި ފޯމު ހުށައެޅުމަށް ފުރުޞަތު ހުޅުވާލާ، ގަޑިއެއްހާއިރުތެރޭ ހުރިހާ ފްލެޓްތަކަށް ވަނީ ފޯމު ހުށައަޅާފައެވެ. އެޗްޑީސީގެ ޕޯޓަލްގެ ތެރެއިން ފުރުޞަތު ހުޅުވާލީ، ވިނަރެސްގެ ނުވިކި ހުރި ސްލޮޓްތައް އެނގޭނެގޮތަށް، އެފްލެޓް ނަންބަރެއް ޚިޔާރުކޮށް ފޯމު ހުށައެޅޭގޮތަށެވެ.

އާބަންކޯ އިން ކުރިން ނިންމާފައި އޮތީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން މިކަމަށް ހާއްސަކުރި ޕޯޓަލް ބަންދުކުރާށެވެ. ނަމަވެސް އާބަންކޯ އިން ފްލެޓް ގަންނަން މިއަދު ހުޅުވާލުމާ އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފްލެޓްތައް ވިކި ހުސްވެފައިވާ ކަމަށްވެއެވެ. މިކަން ހިނގާދިޔަ ގޮތުން ވިނަރެސް ފްލެޓް ގަންނަން ބޭނުންވި ބައެއް މީހުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ.

އަޅުގަނޑު ބަރާބަރު 10:00 ޖެހއިރު ވަންނަން މަސައްކަތް ކުރިން. ފޯމު ފުރަންވެސް ފުރުނު. އެކަމަކު ފޯމު ހުށަހެޅޭ ގޮތް ނުވެ ޕޯޓަލް ފާޑަކަށް ހުއްޓެނީ.

– ފޯމު ނުލެވުނު މީހަކު ބުންޏެވެ.

ވިނަރެސްގައި އަލުން ފުރުޞަތު ހުޅުވާލާފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކުމަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިޚްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިޚްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށްލުމުން ނުވިކިހުރި ޔުނިޓްތަކަށްކަމަށެވެ. އެފަރާތްތަކަށް މި މަރުހަލާތައް ފުރިހަމަކުރުމަށް ދިން ހުރިހާ މުއްދަތެއް، ނިމުނު އޮކްޓޯބަރުމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާ އަވަހަށް 100 އަށް ވުރެ ގިނަ ފްލެޓް މިގޮތަށް ވިކި ހުސްވާނެ ކަމަކަށް. މިކަން މިއަށް ވުރެ ޒިންމާދާރުކޮށް ބަލަން އެބަޖެހޭ.

– ޕޯޓަލް އަށް ނުވަދެވިގެން ފޯމު ހުށަހެޅޭ ގޮތް ނުވި އިތުރު މީހަކު ބުންޏެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މިފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހު ސަރުކާރުން ވަނީ، ވިނަރެސް ފްލެޓަށް ފައިސާ ދެއްކުމުގެ އިންޓްރެސްޓް ރޭޓް %9އިން %6އަށް ކުޑަކޮށްފައެވެ. އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކުލިދައްކާ ފަރާތްތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.