މިސަރުކާރު އައިފަހުން 1 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިފައިވޭ: އިމްރާން

މިސަރުކާރު އައިފަހުން 1 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިފައިވޭ: އިމްރާން

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2020 02:17
0

މިސަރުކާރު އައިފަހުން މިހާތަނަށް އެއްޓަނަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާއި ހަމައަށް ނައްތާނުލެވިހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައި ގެންނެވިއެވެ. ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި މިހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އައުމަށްފަހު މިސަރުކާރު އައުމާއި ހަމައަށް ނައްތާލާފައިވަނީ 32 ކިލޯގެ މަސްތުވާތަކެތިކަމަށެވެ.

ނަމަވެސް މިސަރުކާރު އައިސް މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މިހާތަނަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިސަރުކާރުން އެ ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައިވާކަން މިނިސްތަރ އިމްރާން ފާހަގަކުރެއްވިއެވެ.

2011 ވަނަ އަހަރު މަސްވާތަކެތީގެ ޤާނޫނު އައިފަހުން މިސަރުކާރު އައުމާއި ހަމައަށް ނައްތާލެވިފައިވަނީ 32 ކިލޯގެ މަސްތުވާތަކެތި. އެހެންނަމަވެސް މިދިޔައަހަރު ޕޮލިސް ސާރވިސްގެ ކޮމިޝަނަރުކަމަށް ސީޕީ ހަމީދު ޙަވާލުވެވަޑައިގެންނެވިފަހުން މިސަރުކާރުގެ ސިޔާސަތުގެ ދަށުން މަސްތުވާތަކެތި އަވަހަށް ނައްތަލުމަށް ވަރަށް ބޮޑު ޕްރޮޖެކްތެއް ފަށައި، 2019 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން މިކުރެވުނު މަސައްކަތުން މިއަދު މިނައްތާލި ތަކެއްޗާއެކު މިނައްތާލެވުނީ 1 ޓަނާއި 1 ސަތޭކަ ހަކިލޯގެ މަސްތުވާތަކެތި" އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގިނަބަޔަކު ހައްޔަރުކުރެވުނު ނަމަވެސް ޝަރުއީ މަރުހަލާގެ ތެރެއިން އެމީހުން ދޫވެގެން ދާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރެއްވާފަ އެވެ. އެގޮތުން އެފަދަ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫވެގެން ދިއުމަކީ މުޅި މުޖުތަމަޢުއަށް އެކަމުގެ ސަބަބުން ބޮޑު ނުރައްކަލެއް އޮތްކަމެއްކަމަށެވެ. އެހެންކަމުން ޝަރުޢީ މަރުހަލާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެވެންހުރި މަގުތައް ބަންދުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

"ކޯޓުގެ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިސްފަރާތްތަކުން އެކިގޮތްގޮތުން ސަލާމަތްވެގެންދާ ދިއުމަކީ އަޅުގަނޑުހިތުން މުޖުތަމަޢުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންކަމުން ޝަރުއީ މަރުހަލާގަ މަސްތުވަތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެގެން ދިއުމަށް ހުރި މަގުތައް ބަންދުކުރުމަށް މުޅި މުޖުތަމަޢު މަސައްކަތްކުރަންޖެހޭ."

މުޅި ރާއްޖޭގައި ހިނގާ ކުށްތަކުގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތަކެތި މުޖުތަމަޢުން ނެތިކޮށް އެތަކެތި ބޭނުންކުރާ ޒުވާނުން ރިހިބިލިޓޭޓްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށެވެ. އެހެންކަމުން މުޅި މުޖުތަމަޢުގެ އެއްބާރުލުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާއިމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ޚާއްޞަ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމުގެ ބައެއް މީހުންނަށްވެސް މަސްތުވާތަކެތި ނައްތާލުން ދައްކާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.