ފަލަސްތީނުން ރާއްޖެއަށް އާ އޮނަރަރީ ކޮންސުލްއެއް ހަމަޖައްސައިފި

ފަލަސްތީނުން ރާއްޖެއަށް އާ އޮނަރަރީ ކޮންސުލްއެއް ހަމަޖައްސައިފި

Author
ހުސެއިން
27 އޮކްޓޯބަރ 2023 06:06
0

ފަލަސްތީނުން ރާއްޖެއަށް އާ އޮނަރަރީ ކޮންސުލްއެއް ހަމަޖައްސައިފިއެވެ.

ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅާ އާ އޮނަރަރީ ކޮންސުލަކަށް ހަމަޖައްސާފައިވަނީ ރަގީބް އަހުމަދު ހަލަފްއެވެ. އޭނާ މަގާމަށް ހަމަޖެއްސުމަށްފަހު ފޮރިން މިނިސްޓަރު ޝާހިދުވަނީ އޭނާއާއި އިއްޔެ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވެފައިވަނީ ރާއްޖެއިން ފަލަސްތީނު ހައްގުގައި ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ދެމި އޮންނާނޭ ކަމުގައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އެއްމެ ކުރިއްސުރެވެސް ފަލަސްތީނުގެ މިނިވަންކަން ގަބޫލުކޮށް، ގަދަކަމުން ފަލަސްތީނުގެ ބިންތައް ފޭރިގެންފައިވާ އިސްރާއީލާއި ދެކޮޅު ސިޔާސަތެކެވެ. އަދި 1967ގެ އިންތަކުގެ މައްޗަށް ފަލްސްތީނުގެ ބޯޑަރުތައް ކުރަހާ، ފަލަސްތީނު އިސްރާއީލުގެ މައްސަލައަށް "ދެ ދައުލަތުގެ ހައްލު" ހޯދުމަށް ރާއްޖެއިން އަބަދުވެސް އަންނަނީ ވަކާލާތު ކުރަމުންނެވެ.

މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައްވެސް ރާއްޖެއިން ވަނީ ކުށްވެރި ކޮށްފައެވެ. އަދި ރައީސް ސާލިހުގެ ނިންމެވުމަށް، ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު އެހީގެ ގޮތުގައި ފޯރުކޮށް ދިނުމަށްވެސް ދިވެހި ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމުދު ހިގަމުންދާ ހަނގުރާމާގައި މިހާތަނަށް އިސްރާއިލުން ވަނީ ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް އިތުތައް އެތައްހާސް މީހުން ޒަޚަމް ކޮށްލާފައެވެ. ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި މަރުވެފައިވަނީ އެގައުމުގެ 1،400 ރައްޔިތުންނެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ސިފައިންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.