ރައިޓްސް މީވްމަންޓުން ރޭ, އިސްރާއީލާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން

އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށަނީ

އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށަނީ

އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކޮށް، އިސްރާއީލުގެ ޕާސްޕޯޓުވެސް ރާއްޖެއިން ބަލައިނުގަތުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަށް ތައްޔާރު ވެއްޖެއެވެ. "ބޭން އިސްރާއީލް"ގެ ނަމުގައި ތައްޔާރުކުރާ މި ޕެޓިޝަންގައި ސޮއިކުރަން ފަށާގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

"ބޭން އިސްރާއީލް" ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޓިން އެސޯސިއޭޝަން އަދި އިންްޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެންނެވެ.

މި ޕެޓިޝަންގައި ގޮވާލުމަށް ހަމަޖެހިފައިވަނީ އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށް ދިނުމަށާއި ރާޅާ އެޅުމުގައި އުޅޭ ދިވެހިންނަށް އިސްރާއީލު ޓޫރިސްޓުންގެ ފަރާތުން ލިބޭ ޖިސްމާނީ އަނިޔާތަކާއި ބިރުދެއްކުންތައް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ.

އަދި އޭގެ އިތުރުން ސާފިން ކޮމިއުނިޓީ އަށް އިސްރާއީލުގެ ޓޫރިސްޓުންގެ ފަރާތުން ކުރިމަތިވާ އެ ބާވަތުގެ މައްސަލަތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށް މި ޕެޓިޝަންގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔާއި ޚިލާފް ބޮޑެތި ޖަރީމާތަކާއި ގުޅިގެން ރާއްޖޭގައި ދަނީ ބޮޑެތި މުޒާހިރާތައްކޮށް، އެގައުމުގެ ރައްޔިތުން ރާއްޖެއަށް އައުން މަނާކުރުމަށް ގޮވާލަމުންނެވެ. އެއާއެކު އިސްރާއީލުން ވަނީ އެގައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސްވެސް ކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަމީހުން ޝަހީދުވެފައި ވާއިރު، މިހާތަށް މިހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 5،800 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި މަރުވެފައިވަނީ އެގައުމުގެ 1،400 މީހުންނެވެ.

އިސްރާއީލުގެ އުދުވާންއާއި ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ ބޮޑު މުޒާހިރާތައް ކުރަމުންނެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *