އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް، އދ.ގެ އެމަޖެންސީ ސެޝަނެއް ބާއްވާ ދިނުމަށް ދިވެހިރާއްޖެއިން އެދިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ނިކަމެތި ރައްތުންނަށް އަމާޒުކޮށް ދެމުންދާ އަނިޔާވެރި ހަމަލާތަައް މިހާރު ހައްދުން ނައްޓާފައިވާ ކަމުގައެވެ.
މިގޮތުން، ރައީސް ސާލިހުގެ އިރުޝާދުގެ ދަށުން، އަދި އެހެނިހެން ގައުމުތަކާވެސް އެކީގަ، އެ ޖަމިއްޔާގެ "ޔުނައިޓިން ފޯރ ފީސް" ގަރާރުގައިވާ ގޮތުގެމަތިން، ޔޫއެން ޖެނެރަލް އެސެމްބްލީގެ 10ވަނަ އެމަޖެންސީ ސެޝަން ބާއްވާދިނުމަށް، ޖެނެރަލް އެސެމްބްލީގެ ރައީސްގެ އަރިހުން އެދިފައިވާ ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.
އިތުރަށް ޝާހިދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހަގުތަކަށް ވަކާލާތުކުރުންމަތީ ކަމަށާއި، ފަލަސްތީނުގެ އަމިއްލަ މިނިވަން ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމުގައެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީއަކީ އެ ޖަމިއްޔާގެ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އަދި މި މަޖިލިހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިގްތުސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަގަޅަށް ތަމްސީލުކޮށްދޭ މަޖިލިހެކެވެ.
މިގޮތުން ދުނިޔޭގެ ސުލްހައަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަށް އދ. ސެކިއުރިޓީ ކައުންސިލަށް އަދާނުކުރެވޭކަމަށް ފެނިއްޖެ ހާލަތެއްގައި ޖެނެރަލް އެސެމްބްލީގެ އެމަރޖެންސީ ސެޝަނަކަށް ގޮވާލުމުގެ އިޚްތިޔާރު 1950 ވަނަ އަހަރު މެމްބަރު ގައުމުތަކަށް ވަނީ ދީފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ޔޫއެން ސެކިއިރިޓީ ކައުންސިލަށް ވަނީ ނުކުޅެދިފައެވެ. އެއީ އެ ކައުންސިލްގެ ދާއިމީ މެމްބަރުންގެ މެދުގައި މައްސަލާގައި ޚިޔާލު ތަފާތުވުމާއި ގުޅިގެންނެވެ.
ފަލަސްތީނުގެ ދިފާއުގައި އދ. ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ފެށީ 1997 ވަނަ އަހަރެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ބިމުގައި 6،000 އަށް ވުރެ ގިނަ ގެދޮރު އަޅަން ނިންމުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެ ސެޝަންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2018ވަނަ އަހަރުގެ ޖޫންމަހުއެވެ. އެ ބައްދަލުވުމުގައި، އިސްރާއީލުން ގާޒާއަށް ދެމުންދާ ރޮކެޓް ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގަރާރެއް ފާސް ކޮށްފައިވެއެވެ.
އެހެންނަމަވެސް ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކުރާ ގަރާރުތަކަކީ އެ މައްޗަށް އަމަލުކުރުން މެމްބަރުން ގައުމުތަކަށް ލާޒިމްވާ ގަރާރުތަކެއް ނޫނެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 5،000 އިން މައްޗަށް މިހާރުވަނީ ގޮސްގައެވެ. ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއިލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 5،087 މިހުންވަނީ ޝަހީދުވެފައެވެ.
ކޮމެންޓު ފޮނުވާ