ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މަޤާމުން ރިޓަޔަރކުރައްވަން ނިންމަވައިފިއެވެ. ޙަމީދު ރިޓަޔަރކުރައްވަން ނިންމެވިކަން ހާމަކުރައްވީ ފުލުހުންގެ އިސްވެރިން ތިއްބެވި ސޯޝަލް މީޑިއާ ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
ޙަމީދު ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ވަނީ އޯގަސްޓް 2012ގައި މަޤާމުން ވަކިކުރެއްވިއެވެ. އެ މަޤާމުން ހަމީދު ވަކިކުރެއްވީ ފުލުހުންގެ ސިއްރު ލިޔެކިޔުންތަކެއް ހާމަކުރުމުގެ ތުހުމަތުގައެވެ.
އެމައްސަލާގައި ހަމީދު ކޯޓަށް ވަޑައިގަތެވެ. އަދި ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބުކުރެއްވިއެވެ. ނަމަވެސް ހައިކޯޓުންވެސް އޭރު ހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
ހަމިދުގެ ޅިޔަނު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އައިސް، 2018 ޑިސެމްބަރު 2 ގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫންކަމަށާއި، އޭނާއަށް ވަޒީފާ އަލުން ދިނުމަށެވެ. މިއާއެކު 2018 ޑިސެމްބަރު 4ގައި އަލުން އޭނާ ފުލުހުންގެ އިންޓެލިޖެންސް ވެރިޔަކަށް އައްޔަންކުރެއްވިއެވެ.
އަދި ހަމަ އެމަހުގެ 12 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމީދު އައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވީ އަހަރެއްހާ ދުވަސް ފަހުން މާރިޗް 2019ގައެވެ.
ހަމީދު ރިޓަޔަރކުރައްވަން ނިންމަވާ ފޮނުއްވެވި މެސެޖުގައި ވަނީ، ދެވަނަ ފަހަރަށް ފުލުހުންގެ ޚިދުމަތަކާއި ގުޅިވަޑައިގެން އެ ޚިދުމަތުގެ ތަރައްޤީއަށް ކުރެއްވި ކަންކަން ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައިވެއެވެ. މީގެ އިތުރުން މަހެއްހާ ދުވަހުގެ ތެރޭގައި މަޤާމުން ރިޓަޔަރ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ރިޓަޔަރކުރައްވާނެކަމަށް ބެލެވެނީ އަންނަ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުކަމަށްވެސް ހަމީދު ވިދާޅުވެފައިވެއެވެ.
ޙަމީދު ވަނީ އޭނާއަކީ ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށް ވާތީ، އޭނާއާމެދު ގޯސްކޮށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާކަމަށެވެ. ހަމީދު ވިދާޅުވީ އޭނާ ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވިއިރު އެ މުއައްސަސާއޮތީ ކިލަނބުކޮށްކަމަށެވެ. އެހެންކަމުން އެ މުއައްސަސާގެ ސަފުތައް އަލުން ބަދަހިކޮށް ކުރިމަގަށްޓަކައި ބޮޑެތި ކަންކަން ކުރެއްވިކަމަށް ވިދާޅުވިއެވެ.
ހަމީދު ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގަތީ އުމުރުފުޅުން 17 އަހަރުގައެވެ.