އީޔޫއިން ފަލަސްތީނަށް ދެމުންދާ އެހީ ހުއްޓާލުމާއި ސްޕެއިން ދެކޮޅު ހަދައިފިއެވެ.
ސްޕެއިންގެ އެކްޓިން ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ޔޫރަޕިއަން ޔޫނިއަންގެ އެހީ މެދުކަނޑާލަން ހުށަހަޅާފައިވާތީ އެކަމާ ދެކޮޅުހަދާ ކަމަށެވެ. "މި އެއްބާރުލުން ދެމިއޮންނާނެ. އީޔޫގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ހަމާސް ޖަމާއަތާއި ފަލަސްތީނުގެ އާބާދީ އާއި ފަލަސްތީނުގެ އޮތޯރިޓީ ނުވަތަ އދގެ ޖަމާއަތްތައް އޮޅުވައިނުލެވޭނެ،"
ސްޕެއިންގެ ރޭޑިއޯ ކެޑެނާ އެސްއީއާރް އަށް ދެއްވި އިންޓަވިއުއެއްގައި އަލްބަރޭސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކައިރި މުސްތަގުބަލެއްގައި ފަލަސްތީނަށް އިތުރު އެހީ ބޭނުންވާނެ ކަމުގައެވެ.
އީޔޫގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ފަލަސްތީނަށް އެހީދިދުން ހުއްޓާލުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނީ އަންގާރަ ދުވަހުގެ މެންދުރުފަހުއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފަލަސްތީނަށް ދޭ ތަރައްގީގެ އެހީ ދިނުން ހުއްޓާލާނެ ކަމަށް އެ ގައުމުން މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިފާޑުކިޔުންތަކާއެކު އީޔޫއިން ފަހުން ނިންމާފައިވަނީ ފަލަސްތީނަށް ދެމުންދާ އެހީ ދިނުން މިވަގުތަށް ހުއްޓާ ނުލުމަށް ނިންމާފައެވެ.
ފަލަސްތީނަށް ދޭ ތަރައްގީގެ އެހީގެ 691 މިލިއަން ޔޫރޯ (728 މިލިއަން ޑޮލަރު) މުރާޖައާ ކުރަމުން އަންނަ ކަމަށް ބުނުމަށް ފަހު، އީޔޫ އިން ފަހުން ބުނެފައި ވަނީ އެ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެ ގޮތަށް ފައިސާ ރިވިއު ކުރާނެ ކަމަށެވެ. ޔޫރަޕްގެ ގައުމުތަކުގެ ބްލޮކުން މި ބަދަލު ގެނައުމުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.