ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބާރަށު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ކުރިންވެސް އެދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ޝުޖާ އެދާއިރާ ތަމްސީލް ކުރައްވަން ނިކުންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެން ފަށައިފިއެވެ.
ބާރަށު ދާއިރާއަށް މިހާތަނަށް ތަރައްޤީގެ އެންމެ ބޮޑު ބަދަލެއް އައީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝުޖާ އެދާއިރާ ތަމްސީލް ކުރެއްވި ދައުރުގައެވެ. ޝުޖާގެ ދައުރަށްފަހު އެދާއިރާއަށް ރައްޔިތުން އުންމީދުކުރި ބަދަލު ނާންނާތީ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޝުޖާ އަލުން އެދާއިރާގެ މަޖިލިސް ގޮޑިއަށް ވާދަކޮށް ދެއްވުމަށް އެދެމުންނެވެ.

ނިމިގެން މިދާ ވެރިކަމުގެ ދައުރުގައި ޕީޕީއެންސީގެ ނައިބް ރައީސެއްގެ ގޮތުގައި ހުންނަވައި، ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް ކުރި ވަރުގަދަ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅުންގެ ތެރޭގައި ޝުޖާ ހިމެނެއެވެ. 10 ވަރަކަށް މީހުންނާއިއެކީ ފެށި މަގުމަތީ ހަރަކާތްކާއި އެއްވުންތައް ފުޅާކޮށް، ޕީޕީއެމް/ޕީއެންސީ އެންމެ ނިކަމެތިވި ދުވަސްވަރު ހުރިހާ ވަގުތެއް ޝުޖާވަނީ ޕާޓީއަށް ހުސްކުރައްވާފައެވެ. ނަތީޖާއަކަށް ވެގެންދިިޔައީ 5 ފަހަރެއްގެ މަތީން ޖަލަށްލައި އެކި އަނިޔާތައް ލިބިގެން ދިއުމެވެ.
ސިޔާސީ އިސްލާހީ މަސައްކަތުގައި ކުރި ވަރުގަދަ މަސައްކަތާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބޭ އެކި ފުރުސަތުތަކުގައި ޝުޖާ ދަނީ ބޭނުން ހިފަމުންނެވެ. އެގޮތުން އެމްޑީޕީއަށް މާލޭގައި އޮތް ބޮޑު ތާއީދުގެ ތަސައްވަރު ގެއްލުވާލީ މިހާރުގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއިއެކު އެއް ޓީމެއްގައި ނިކުމެ މާލެ ސިޓީގެ ކައުންސިލް ބޮޑު ޢައުލަބިއްޔަތުން ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރުމުންނެވެ. ޝުޖާއަކީ މި އިންތިޚާބުގައި ހުޅުމާލެ ދާއިރާ ބޮޑު ތަފާތަކުން ކާމިޔާބުކޮށް މާލެ ސިޓީ ކައުންސިލުން ޖާގަ ހޯއްދަވާފައެވެ. މިހާރުވެސް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރު ކަމުގައެވެ.

ޝުޖާއަކީ އިންތިޚާބު ވުމަށްފަހުވެސް އެންމެ ގާތުން ރައްޔިތުންނާއިއެކު މަސައްކަތް ކުރައްވާ އެއް ކައުންސިލަރެވެ. ޝުޖާގެ ޤައުމީ ޚިދުމަތުގައި ވަކި ދާއިރާއެއް ޚާއްސަ ނުވިނަމަވެސް، މިއަދު އޭނާގެ އެހީތެރިކަމަށް އަނެއްކާވެސް އެދި ގޮވަމުންދަނީ އަމިއްލަ އުފަން ދާއިރާއިންނެވެ. މަޖިލިސް އިންތިޚާބުގައި ބާރަށު ދާއިރާއަށް ވާދަކޮށް، އިންތިޚާބުގެ ބޮޑުބަދަލެއް ގެނައުމަށެވެ.
މިހާތަނަށް ބާރަށު ދާއިރާއަށް އެންމެ އުޖާލާ ދުވަސްތަކެއް އައިސްފައިވަނީ މަނިކުފާނުގެ މެމްބަރު ކަމުގެ ދުވަސްވަރުގައި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ އާއި ދެންވެސް ބާރަށު ދާއިރާއަށް އުޖާލާ ދުވަސްތަކެއް ލިބޭނީ މަނިކުފާނުގެ ދައުރެއްކަމަށް އަޅުގަނޑަށް ފެންނާތީ އިޚުތުރާމާއިއެކު، މަނިކުފާނުގެ އަރިހުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ބާރަށު ދާއިރާ ތަމްސީލް ކޮށްދެއްވުމަށް ނިކުމެވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.
– ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރުގެ ބޭފުޅުން ޝެއާކޮށްފައިވާ ޕޯސްޓުގައި ވެއެވެ.
މުޅި ސޯޝަލް މީޑިއާގައި މިޕޯސްޓްތައް ދައުރު ވަމުންދާއިރު، އަދި މިހާތަނަށް ޝުޖާ މިކަމުގައި ނިންމަވާ ގޮތެއް ހާމަ ކުރައްވާފައި ނުވެއެވެ. ކުރި ބުރަ މަސައްކަތާއިއެކު ގެނައި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ދެކޭ ގޮތަކީވެސް ޝުޖާއަށް މުހިންމު ކަމަކަށްވާނެއެވެ. ޝުޖާއަކީ ތައުލީމީ ގާބިލް ބޭފުޅަކަށްވުމުން ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމަކީވެސް ދުރު ކަމެއް ނޫންނެވެ.

މިކަމުގައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު މަނިކުފާނަށް އޮތްކަމާއި އަބަދުވެސް މަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއިއެކީ އަމަލީ ގޮތުން އެމަސައްކަތުގައި އަޅުގަނޑު އުޅެދޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަން.
– ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރުގެ ބޭފުޅުން ޝެއާކޮށްފައިވާ ޕޯސްޓުގައި ވެއެވެ.

އިންތިޚާބީ ރައީސްގެ ކެމްޕޭންގައިވެސް މުޅި ރާއްޖޭގައި ކުރި ވަރުގަދަ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޝުޖާ ވަނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށް ދެއްވުމުގައި 24 ގަޑިއިރު މިސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ޝުޖާ ވަނީ ދެއްވާފައެވެ.