ޤައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މި ވަރަށް ތާށިވީމާ ހައިރާންވާކަމަށް ވިދާޅުވެ ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގެތެރެއިން އުފުލި ބައެއް ދަޢުވާތަކަށް މިހާރުވެސް ހުކުމް ތަންފީޒުކުރަމުންގެންދާ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ގޭބަންދުގައި ހުންނަ މައްސަލައަށް އިޝާރާތްކުރައްވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑު ޚިޔާނާތްވި މީހުން އެތިބީ ހުކުމަށްފަހުވެސް އަރާމުގައި އަމިއްލަ ގޭގައި ކަމަށެވެ. އަދި 800 އަހަރުގެ ހުކުމްވެސް ކުޑަވެއްޖެ ކަމަށާއި މީގެ ސަބަބުން ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ ސަބަބެއް މިހާރު އެބައޮތްތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
"ހައިރާންވަނީ ޤައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމާ. މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ!! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލުކުރީބާ؟"
– ޑރ. ޖަމީލް
މިއީ ރައްޔިތުން ކަންބޮޑުވާ ކަންކަން ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޖަމީލަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅިގެން މިހާތަނަށް ހުކުމް އައި 3 މީހުންގެ ތެރެއިން ކުރީގެ ރައީސް ޔާމިންގެ ދިފާއީ ވަކީލުންގެ ޓީމްގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން ދެން މިމައްސަލާގައި މިހާތަނަށް ހުކުމް އައިސްފައިވާ ކުރީގެ ނާއިބުރައީސް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ރައީސް ޔާމިނާ މެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭކަމުގެ ތުހުމަތު ޖަމީލް ގެންދަނީ ކުރައްވަމުންނެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އަދީބަށް ވަނީ 20 އަހަރުގެ ޖަލުހުކުމް އިއްވާފައެވެ. މީގެ އިތުރުން ޒިއަތުއަށް ދާދިފަހުން 11 އަހަރުގެ ޖަލުހުކުމް ވަނީ އިއްވާފައެވެ. މިކަމާ ގުޅުންހުރި މައްސަލައެއްގައި ރައީސް ޔާމީނަށް އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ.
އަދީބާއި ޒިޔަތަށް އިއްވާފައިވާ ހުކުމަކީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އެކުލަވާލައި އޭގެ ދަށުން އެމީހުން ކުށަށް އިޢުތިރާފްވުމުން ޙުކުމް ލުއިކޮށްދީ އިއްވާފައިވާ ހުކުމެކެވެ. މީގެ އިތުރުން އެ ދެބޭފުޅުންވެސް މިވަގުތު ޙުކުމް ތަންފިޒްކުރައްވަމުން ގެންދަވަނީ ގޭގައެވެ.