މިއަހަރުގެ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ އިންތިޚާބީ ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ މުދައްރިސުންނަކީ ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއްކަމަށް ސިފަކުރައްވާފައެވެ. މުދައްރިސުންނަކީ އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއްކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުގައި ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާޞިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ޤައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެގެންނެވެ. ހަރުދަނާ އަޚްލާޤެވެ. ތަނަވަސް ޢިލްމެވެ. ކުޅަދާނަ ހުނަރުވެރިކަމެވެ.
– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވަނީ ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދެ ކަމެއް ހިއްސާކުރައްވާފައެވެ. ފުރަތަމަ ކަމަކީ، މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިޢާރުން ވެސް އިޝާރާތްކުރާ އެއް މައްސަލައެވެ. އެގޮތުން މުދައްރިސުންގެ ޢަދަދު މަދުކަމަށާއި، މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެއްކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ޤާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލުކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މި ދެ މައްސަލައަށް ވެސް އަޅުގަނޑުމެން އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނަމެވެ. 21 ވަނަ ޤަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމަށެވެ. ޤާބިލުކަމާއި އުޅުންތެރިކަމަށެވެ. އިޖުތިމާޢި މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކަށެވެ. އިރާދަކުރެއްވިއްޔާ މި ކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ
– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މުދައްރިސުން ތާޒާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރަށް މުދައްރިސުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރާނެކަމަށާއި،. އަދި، މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ މުޖުތަމަޢުގައި މުދައްރިސުންގެ ޤަދަރާއި ޝަރަފު މަތިވެރިކުރާނަމެވެ. ދިވެހި ޖީލުތައް ޢިލްމާއި ހުނަރާއި ތަރުބިއްޔަތުގެ ނޫރުން އުޖާލާކުރުމަށް މުދައްރިސުންކުރައްވަމުންގެންދަވާ މާތް މަސައްކަތުގައި ބަރަކާތްލައްވަވައި، ތައުފީޤު މިންވަރުކުރައްވާށިއެވެ. އާމީން!
– މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ