ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ސާފު މެޖޯރިޓީން ފާސްކޮށްފި

ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ސާފު މެޖޯރިޓީން ފާސްކޮށްފި

ރާއްޖެ ޑިމޮކްރަޓިކް ނިޒާމު ބަލަިގަތުމަށްފަހު ބަލައިގެންފައިވާ ރިޔާސީ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ސާފު މެޖޯރިޓީން މިއަދު ފާސް ކޮށްފިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރުމާއި ގުޅިގެން ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން އެމްޑީޕީން ރަސްމީ ނިންމުމެއް ނިންމުމަށް މިރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލިހުގައި ބައިވެރި 90 މެމްބަރުންވެސް ވޯޓު ދީފައިވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދެކޮޅަށެވެ.

މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ބަރުލަމާނީ ނިޒާމަކާއި އެއްކޮޅަށް ވާހަކަ ދައްކާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ޖާބިރު ގިނިކަންޏާއެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށްފަހު އޭނާވަނީ ގައުމީ މަޖިލިހުގެ ޖަލްސާ ދޫކޮށް ވަޑައިގެންފައެވެ.

މިރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވާހަކަ ދައްކަވާފައިވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށެވެ. މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް އެބުރި ދިއުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ނިޒާމު ދެމެހެއްޓެވުމަށް އަމަލީގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 20 ގައެވެ. އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

މި ގަރާރުގައި ގޮވައިލާފައި ވަނީ، މި މަހުގެ 30 ގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވުމަށެވެ.

އެ ގަރާރު ފާސްކޮށްފައިވީ ނަމަވެސް، ރައްޔިތުން ކައިރިން އަހަންވީ ސީދާ ސުވާލު ސާފުކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލިހުގައި އެދިފައެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓާއި ރައްޔިތުން ހޭލުންތެރި ކުރުވަން އިތުރު ވަގުތު ދޭން ކޮމިޝަނުން އެދިފައިވެއެވެ. އެގޮތަށް އެދިފައި އޮއްވައި އީސީން މިއަދު ބުނީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން މި މަހު ވޯޓަށް އެހުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށެވެ.

އިންތިހާބު ނާކާމިޔާބު ވުމަށްފަހު، އެމްޑީޕީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ނިޒާމު ބަދަލު ކުރަން ނުފެންނަ ކަމަށް ވިދާޅުވަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ އެމަނިކުފާނު ވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *