އަބޫދާބީ އަދި ޔޫކޭ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ބައެއް މަރުކަޒު ތަކުގައި ގާތްގަނޑަށް މިނިޓަކު 2 މީހުން ވޯޓު ލައްވަމުންދާކަމަށެވެ. ފުރަތަމަ ބުރާއި އަޅާ ބަލާފަ ދެވަނަ ބުރުގައި ވޯޓުލުމުގެ ފޯރިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްސަކޮށް ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ފޮށި ބަހައްޓާ ގައުމުތަކުގައި ވޯޓުލާ ގަޑިތައް
އިންޑިޔާގެ ޓްރިވެންޑްރަމް – ހެނދުނު 8:30
ސްރީލަންކާގެ ކޮލަމްބޯ – ހެނދުނު 8:30
މެލޭޝިއާގެ ކުއަލަލަމްޕޫރު – ހެނދުނު 11:00
އިނގިރޭސިވިލާތުގެ ލަންޑަން – ހެނދުނު 8:30
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ – ހެނދުނު 8:00
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.
ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.