މިއަދު މި ފެންނަނީ ރައީސް ޔާމީން ގެނައި ތަރައްޤީ ރަނަށް ވެފައިވާތަން ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަމުންދާ ވައުތުތަކާއި، ސިޔާސަތު ތަންފީޒު ކުރުމުގައި އަމަލުކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު ފެންނަމުން ދަނީ ނުފުއްދޭ ވަރުގެ އެތައްވައުދެއް ރައްޔިތުންނަށްވެ އެކަންކަން ނުވެ ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ މަންޒަރުކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޯސްކަމަށް ވިދާޅުވި އެތައްކަމެއް މިއަދު ރަނގަޅުވެ ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްޤީ ނަމޫނާއަކަށް ބަލައިގެން މިއަދު މަސައްކަތް ކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތްކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ ކުރިން ބްރިޖްތަކާއި، ފްލެޓްކާއި، މަހާ ޖައްރާފަކީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ކުރިން އެހާ ކަމުދާ އެއްޗަކަށް ނުވިއިރު މިއަދު މިތަކެތި ރަނަށްވެފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ.
ނުފުއްދޭ ވަރުގެ ބޮޑެތި ވަޢުދުތައް ހުއްޓާލަން ދަސްކުރަންޖެހޭ. ކުރިން ގޯސްވި ޤާނޫނު މިއަދު މޮޅުވެއްޖެ. ކުރިން ކަމުނުދިޔަ ފްލެޓް، ބްރިޖުތައް، މަހާޖައްރާފު މިއަދު ރަނަށްވެއްޖެ. މި 5 އަހަރު ޙާޞިލްކުރެވުނު ކަމަކީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް ޕޮލިޝްކުރުމާއި އަމިއްލައަށް ސަނާކިޔުން.
– ޑރ.ޖަމީލް
ރައީސް ޔާމީންގެ ވެރިކަމުގައި އަޅާފައިވާ 700 ފްލެޓާއި، ހުޅުމާލެ މާލެ ބްރިޖާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ގެނައި މަޙާޖައްރާފަކީ އޭރުގެ އިދިކޮޅު ފަރާތްތައް ނުވަތަ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އެންމެބޮޑެތި ފާޑުކިޔުން އަމާޒުވި ކަންކަމެވެ. ނަމަވެސް މިއަދު ފްލެޓާއި، ބްރިޖުގެ ބޭނުން ޖެހުމުން ސަރުކާރަށް މިފަދަ ތަރައްޤީ ނުގެނެވި ރައީސް ޔާމީން ގެނައި ތަރައްޤީއަށް ބަރޯސާވާންޖެހިފައި ވާކަމުގައި ޖަމީލް ވިދާޅުވި އެވެ.
މަހާޖައްރާފަކީވެސް މި ސަރުކާރުގެ އިސްވެރިންގެ ވަރަށްބޮޑު ފާޑުކިޔުންތަކެއް އަމާޒުވި އުޅަދެކެވެ. ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ މަހާ ޖައްރާފަކީ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އުޅަނދެކެވެ. މި އުޅަނދަށް އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެއެވެ. އަދި މިއީ ތިމާވެއްޓަށް ގެއްލުން ނުވާފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެމް.ޓީ.ސީ.ސީން ވަނީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަހާ ޖައްރާފު ބޭނުންކޮށްގެން ޖުމްލަ 13 މަޝްރޫޢެއް ހިންގާފައެވެ.
ކޮމެންޓު ފޮނުވާ