ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގަބުރުސްތާނު އަދި ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ އައްޑޫ ކޯގަންނު ގަބުރުސްތާނަށް ގެއްލުންދިން މައްސަލަ ބަލަމުން އަންނަކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރަސްތާނަށް ގެއްލުން ދީފައިވަނީ އިއްޔެ ހުކުރު ވަގުތުގައެވެ. އެގޮތުން އެތަނުގައި ހުރި ދުވަސްވީ ބޮޑެތި މަހާނަ ގައުތައް ތޅައި ގެއްލުން ދީފައިވެއެވެ. އެއީ ބަޔަކު ގަސްދުގައި ހުކުރު ވަގުތު ދީފައިވާ ގެއްލުންތަކެއްކަމަށް ލަފާކުރެވޭކަމަށް މީދޫ އަވަށު އޮފީހުން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ، މިފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. ރަށަށާއި އަތޮޅަށާއި ޤައުމަށް ވެސް ލިބޭ ބޮޑު ގެެއްލުމެއްކަމަށާއި، މިހާރު މިއީ ޤާނޫނީ ކުށެއްކަން މިނިސްޓަރ ހަނދާންކޮށްދެއްވިއެވެ. މި މައްސަލަ މިހާރު ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ގަބުރަސްތާނުގައި ގެއްލުން ދީފައި ހުރީ ކިހާ އަދަދެއްގެ ގަލަކަށް ކަން އަދި ސާފު ނުވާ ކަމަށާއި އެކަން ބެލުމަށް ކައުންސިލްގެ ޓީމެއް ހަރަކާތްތެރިވަމުންދާ އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ކޯގަންނު އެ ގަބުރުސްތާނަކީ މީގެ 900 އަހަރު ކުރިން އެ ރަށުގައި ފުރަތަމަ އިސްލާމްދީން ގަބޫލުކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލާފައިވާ ތަނެއް ކަމަށް ތާރީހު ދިރާސާ ކުރައްވައި ބޭފުޅުން ވިދާޅުވެއެވެ. އެއީ މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ ގަދީމީ ގަބުރުސްތާނެވެ.
ޘަޤާފަތާއި ތަރިކައިގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ތަރިކައަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.