ސަރުކާރުން މިހާރު ވާ ވައުދުތަކަކީ ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް: ޝުޖާ

ސަރުކާރުން މިހާރު ވާ ވައުދުތަކަކީ ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް: ޝުޖާ

ގުޅުންހުރި

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެއްވެސް ކަމެއް ރަނގަޅު ގޮތުގައި ނުކޮށް ވެރިކަން ނިމެން މަދު ދުވަސް ކޮޅަކަށްވުމުން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ވައުދުވުމުން ރައްޔިތުން ދެކެނީ އެއީ ސަރުކާރުން ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއްގެ ގޮތުގައި ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަމަ ބުރު ނިމި ދެވަނަ ބުރުގެ ވޯޓުލާން 9 ދުވަހަށް ވެފައި އޮއްވާ ރައީސް ޞާލިހު އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކޮށްދެއްވާނެ ކަމަށް މިރޭ ވެވަޑައިގެންނެވި ވައުދާއި ގުޅިގެންނެވެ. ޝުޖާ ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ރައްޔިތުން މިކަންކަން ކޮށްދޭން އާދޭސް ކުރުމުންވެސް ސަރުކާރުން ރައްޔިތުންނަށް ދިނީ ބީރު ކަންފަތެއް ކަމަށް ޝުޖާ ވިދާޅުވިއެވެ.

މިއަދު އުމުރުން ދުވަސްވީ މީހުންނަކީވެސް ތިބި ބައެއްކަން ހަނދާންވެ ކުއްލިއަކަށް އެމީހުންގެ އިނާޔަތް ބޮޑުކޮށްދޭން ވައުވީ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ކަމަށް ޝުޖާ ވިދާޅުވިއެވެ. މިއީ އިހުލާސްތެރި ނިޔަތެއް ކުރާ ކަމެއް ނޫންކަމަށާއި މިއީ ރައްޔިތުންނަށް ރައީސް ޞާލިހު ކުރާ މަލާމާތެއް ކަމަށް ޝުޖާ ވިދާޅުވިއެވެ.

ރައީސް ސޯލިހު މަނިކުފާނު މޮޔަފުޅުވީތޯ؟ ދިވެހިން ހަމަ އެހާ ގަމާރު ކަމަށް މަނިކުފާނު ހީފުޅު ކުރައްވަނީތޯ؟ ވޯޓަށް 9 ދުވަހަށް ވީމަ މަނިކުފާނު ތިވާ ވަޢުދު ތަކަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް ދިވެހީން ދެކޭ!

– ޝުޖާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހުވަދޫ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ވިދާޅުވީ އަމިއްލައަށް ބޭނުންވެގެން ރިޓަޔާވެވޭ އުމުރު، 65 އަހަރުން 70 އަހަރަށް ބޮޑުކޮށްދޭނެ ކަމަށެވެ. ރިޓަޔަމަންޓް އުމުރު 65 އަށް ހަމަޖައްސާފައި އޮތުމުން، އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުންގެ ހިދުމަތުން މާ އަވަހަށް އެކަހެރިވެވަޑައިގަންނަވަން ޖެހޭތީ ޝަކުވާ ބޮޑެވެ.

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ހަމަޖައްސަން ނިންމެވިކަން ރައީސް މިރޭ އިއުލާންކުރެއްވި އިރު މިހާރު ދެމުން އަންނަ އެލަވަންސް ބޮޑުކުރާނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް އޮތީ މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ